ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
44 މެންބަރުންގެ ވޯޓުން ކަށިމިޔަރުގެ މަސްވެރިކަމާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްފިއެވެ.

ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެެއްވީ މިއަހަރުގެ އޮގަސްޓުމަހުގެ 20 ވަނަ ދުވަހު ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. އެކަމާ ގުޅިގެން ރާއްޖޭގައި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދޭން ގޮވާލައި ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ހުށައެޅުއްވި ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ބަހުސް ކުރަށްވާފައިވެއެވެ.

ބަހުސަށްފަހު ޤަރާރު ބަލައިގަތުމަށް ނެގި ވޯޓުގައި ޤަރާރާ އެއްކޮޅަށް ވޯޓުދެއްވީ 10 މެންބަރުންނެވެ. އަދި ޤަރާރު ބޭރު ކުރުމަށް 44 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

މިޔަރުގެ މަސްވެރިކަމަށް ހުއްދަ ނުދޭން ގޮވާލާ އައްބާސް ހުށައެޅުއްވި ޤަރާރުގައި ވަނީ، މިޔަރުގެ އާއިލާގެ ހުރިހާ ބާވަތަކީ ލަހުން ބޮޑުވާ ލަހުން ދަރިމައިވާ އަދި ވިހާ ފަހަރަކު މަދު އަދަދެއް ވިހާ ބާވަތަކަށްވުމުން މިޔަރުގެ އާބާދީއަކީ ދެ އުމުރުފުރައިގެ ދޭތެރެދުރު ސްޓޮކްގެ އުފެއްދުންތަރިކަން ދަށް އާބާތީތަކެއް ކަމަށެވެ. އޭގެއިތުރުން ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ބަލައިލުން ކަމަށް ވާއިރު، މިޔަރުގެ މަސްވެރިކަން ހުއްދަ ކޮށްފިނަމަ، މިޔަރުގެ އާބާދީ ވަރަށް ބޮޑުތަނުން މަދުވެ ފަތުރުވެރިކަމަށް ނުހަނު ބޮޑު ގެއްލުންވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އައްބާސް ހުށައެޅުއްވި ގަރާރުގައިވެއެވެ.

އައްބާސް މަޖިލީހަށް މިޤަރާރު ހުށައެޅުއްވިއިރު، ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލައި ނޮވެމްބަރު ފުރަތަމަ ދުވަހު ސަރުކާރުން ވަނީ އެކަމާގުޅޭ ގަވާއިދު ގެޒެޓުކޮށްފައެވެ. އެ ގަވާއިދުގައި ވާގޮތުން ކަށިމިޔަރުގެ މަސްވެރިކަމުގައްޔާއި ކަށިމިޔަރުގެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެކަން ކުރަންވާނީ، މަސްވެރިކަމާބެހޭ ވުޒާރާއިން ދޫކުރާ ލައިސަންސްއެއްގެ ދަށުންނެވެ.

އޭގެތެރޭގައި ކަށިމިޔަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި، ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކާއި ތަންތަނާއި، ކަށިމިޔަރު ސަޕްލައި ކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތައް ހިމެނެއެވެ. އެގޮތުން ގަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނީ، ގިނަވެގެން ޖުމްލަ 40 އުޅަނދަށެވެ. އަދި ލައިސަންސްގެ މުއްދަތަކީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޖެހިގެން އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ.

ލައިސަންސް ފީގެ ގޮތުގައި މަސްވެރިކަން ކުރާ އުޅަނދަށް އަހަރަކަށް 2000 ރުފިޔާ، ޕްރޮސެސްކުރާ ފަރާއްތަކަށް އަހަރަކަށް 5000 ރުފިޔާ އަދި ސަޕްލައިކުރާ ފަރާތްތަކުން އަހަރަކަށް 3000ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ނިންމާފައެވެ. ކަށިމިޔަރުގެ މަސްވެރިކަމުގެ ގަވާއިދުގައި ވާގޮތުން ކަށި މިޔަރުގެ މަސްވެރިކަންކޮށް، މަސްކިރޭނީ 4 ބަނދަރަކަށެވެ. އެއީ ހދ. ކުޅުދުއްފުށި ސީޓީ ބަނދަރު، ށ. ފުނަދޫ، ރ. މަޑުއްވަރީ އަދި އއ. ހިމަންދޫ ބަނދަރަށެވެ.

ހަމައެއާއެކު ޤަވާއިދުން ކަނޑައަޅާފައިވާ ސަރަހައްދު ނޫން ސަރަހައްދެއްގައި މަސްވެރިކަން ކޮށްފިނަމަ އަދި ކަށި މިޔަރު މަސްވެރިކަމުގައި ކަށިމިޔަރު ފިޔަވައި އެހެން ބާވަތެއްގެ މިޔަރަކަށް އަމާޒުކޮށް މަސްވެރިކަން ކޮށްފިނަމަ ކެޔޮޅު، އޮޕަރޭޓަރ ނުވަތަ ލައިސަންސްގެ ވެރިފަރާތް 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އަދި އެކަން ތަކުރާކޮށްފިނަމަ ޖޫރިމަނާކުރި އަދަދަށް 50000 ރުފިޔާ އިތުރުކޮށް 4 ލައްކައާއި ހަމައަށް ޖޫރިމަނާކުރެވޭނެ ކަމަށް ގަވާއިދުގައިވެއެވެ.

ފަރު މިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަމަކީ މީގެ އަހަރުތަކެއް ކުރީން ރާއްޖޭގައި ކުރަމުންގެންދިޔަ މަސްވެރިކަމެކެވެ. ރައީސް މުޢިއްޒުވެސް މިހާރު ވަނީ، ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ނޮވެމްބަރ އެކަކުން ފެށިގެން ހުއްދަވެފައިވާކަން އިޢުލާނު ކުރަށްވާފައެވެ. ރާއްޖޭގައި މިޔަރުގެ މަސްވެރިކަން މަނާކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.



ކިޔުންތެރިންގެ ހިޔާލު