އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު
އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު
ރެޒިޑެންސީ ބައި އިންވެސްޓުމަންޓު ޕްރޮގްރާމް އަންނަ އަހަރުގެ އޭޕްރީލް މަހު ފަށާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ، ލަންޑަނުގައި މިހާރު ކުރިއަށްދާ 19 ވަނަ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސްގެ ތެރެއިންނެވެ. އެގޮތުން ވަޒީރު ވިދާޅުވީ، "ދަ މޯލްޑިވްސް ޕާލް ރެޒިޑެންސް" ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ގެންގުޅުއްވާ އިޤްތިޞާދު ސިންދަފާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ތަސައްވަރުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

މި ޕްރޮގްރާމު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

މި ޕްރޮގްރާމަކީ ރާއްޖެއަށް ޒިންމާދާރު އިންވެސްޓުމަންޓުތައް ގެނައުމަށް އެޅޭނެ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށާއި، މި ޕްރޮގްރާމުގެ ސަބަބުން އީޖާދީ، ދެމެހެއްޓެނިވި އަދި ދިގު މުއްދަތަކަށް ދެމިގެންދާ އިންވެސްޓުމަންޓުތައް ރާއްޖެއަށް ގެނައުމުުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި ދިވެހި ސަރުކާރާއި، ހެންލީ އެންޑް ޕާޓްނާރސްއާ ދެމެދު އެއްބަސްވުމެއް އެކުލަވާލާފައިވަނީ މިއަހަރުގެ ޖުލައި މަހު ރައީސް ޑރ. މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއްބަސްވުމުގެ ދަށުން އިންވެސްޓްކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މިފަދަ ޕްރޮގްރާމެއް ފެށުމުގެ ސަބަބުން ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށާއި، ދިރިއުޅެން އަދި އިންވެސްޓްކުރަން އެންމެ ރަނގަޅު ރަށްތަކުގެ އިޤްތިޞާދެއްގެ ގޮތުގައި ދިވެހިރާއްޖެ ފާހަގަކުރެވޭނެކަމަށް އިޤްތިޞާދީ ވުޒާރާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް