މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަލީ ނަޛީރު (ވ).
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަލީ ނަޛީރު (ވ).
ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރާ މަސައްކަތުގައި ސަރުކާރުގެ އެންމެ މުހިންމު ބައިވެރިއަކީ މީޑިއާކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަލީ ނަޛީރު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން އިންތިޒާމްކޮށްގެން، ހަރުކަށި ފިކުރާއި، ހައްދުފަހަނައަޅައިދިއުމާ ގުޅޭގޮތުން މީޑިޔާ ހޭލުންތެރިކޮށް ބާރުވެރިކުރުމަށް މިއަދު ކުރިއަށް ގެންދިޔަ އެއް ދުވަހުގެ ވެބިނާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު ވިދާޅުވީ، ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމާދެކޮޅަށް ކުރާ މަސައްކަތުގައި މި ސަރުކާރުގެ އެންމެ މުހިންމު ބައިވެރިއަކީ ދިވެހި މީޑިއާ ކަމަށެވެ.

ހަރުކަށި ފިކުރާއި ހައްދުފަހަނަ އަޅާ ދިއުމަކީ މިއަދު ރާއްޖޭގައި ވަކިވަކި މައްސަލަތަކަށްވުރެ ބޮޑަށް، ޤައުމީ ބޮޑު މައްސަލައެއް ކަމަށާއި، އެއީ މަސްތުވާތަކެތީގެ ވަބާފަދަ ކޮންމެ ގޭބިސީއަކާ ހަމައަށްވެސް ފޯރާފައިވާ ކަންބޮޑުވުމެއް ކަމަށް ޢަލީ ނަޛީރު ވިދާޅުވިއެވެ. އަދި ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިޔުމުގެ މައްސަލަ ޙައްލު ކުރުމަކީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީޑިއާ އަކީ ޑިމޮކްރެޓިކް މުޖުތަމަޢުގެ ހަތަރުވަނަ ބާރުކަން ފާހަގަކުރައްވަމުން، ނަޛީރު ވިދާޅުވީ ރާއްޖޭގެ އެއްވެސް މީޑިއާއަކުން ޤަސްދުގައި ހަރުކަށިފިކުރާއި ހައްދުފަހަނައަޅާދިއުމަށް ހިއްވަރު ނުދޭނެކަން އެއީ އެއްވެސް ޝައްކެއްނެތި ޤަބޫލުކުރައްވާ ކަމެއް ކަމަށެވެ.

"މިރާއްޖޭގެ އެއްވެސް މީޑިއާއަކުން ޤަސްދުގައި ހަރުކަށިފިކުރާއި ހައްދުފަހަނައަޅާދިއުމަށް ހިތްވަރު ނުދޭނެކަން އެއީ އަޅުގަނޑުމެން އެއްވެސް ޝައްކެއްނެތި ޤަބޫލުކުރާކަމެއް. އެހެން ނަމަވެސް، މީޑިއާތަކުން ބައެއްފަހަރު ބައެއްކަހަލަ ޚަބަރުތައް ކަވަރުކުރުމުގައި އެންމެ އެކަށީގެންވާ މިންވަރަށް ސަމާލުކަން ނުދެވުމުގެ ސަބަބުން އަޅުގަނޑުމެން އެކަކުވެސް ނޭދޭ ހާލަތްތައް މެދުވެރިވާތަން އާދޭ. ނުރައްކާތެރި ފިކުރުތަކަށް މުޖުތަމައުގައި ޖާގަލިބި ބާރުވެރިވާތަން އާދޭ. އަދި ބައެއްފަހަރު ހިނގަމުންދާ ތަހުގީގުތަކަށް ދަތިތައް ކުރިމަތިވާތަންވެސް އާދޭ." ނަޛީރު ވިދާޅުވިއެވެ.

މިއަދުގެ ވެބިނަރ ގައި ސްޓޭޓް މިނިސްޓަރ ޢަލީ ނަޛީރު ވިދާޅުވީ، މިސަރުކާރުގެ ވިސްނުމަކީ މީޑިއާތަކަށް ދަތިކޮށް، ފުރުސަތު ހަނިކުރުމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ސަރުކާރުގެ ސިޔާސަތަކީ މީޑިއާތަކުގެ ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވެދިނުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން