އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާ
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާ
ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި، ބިޑަކާނުލައި ސަރުކާރުން ޙަވާލުކުރި 206 މަޝްރޫއުގެ މަސައްކަތް ހުއްޓުވުމަށް ކޯޓަށް ދިއުމަށް ނިންމައިފިއެވެ.

އެމްޑީޕީން މި ނިންމުން ނިންމާފައިވަނީ، މާލިއްޔަތު ގަވާއިދަށް ގެނެސްފައިވާ އިސްލާހެއްގެ ދަށުން ގިނަ އަދަދެއްގެ މަޝްރޫއުތައް އިއުލާނުކުރުމެއްނެތި ސަރުކާރާ ގުޅުންހުރި ކުންފުނިތަކާ ހަވާލުކޮށްފައިވާތީ، އެކަމުގައި ހަމަހަމަކަމާއި ހާމަކަން ކުޑަކަމަށް ބުނެއެވެ.

މި ގަރާރު ގައުމީ މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް އެވެ. ސަލީމްގެ ގަރާރުގައި ހުށަހަޅުއްވާފައިވަނީ ގިނަ އަދަދެއްގެ މަޝްރޫއުތައް ބަހާލާފައި ވާތީ، އެކަމަށް މަގުފަހިކުރުމަށް މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހު ބާތިލުކޮށް، އެ މަޝްރޫއުތަކަށް ފައިސާ ދިނުން ހުއްޓުވުމަށެވެ.

ސަލީމް އިޝާރާތް ކުރެއްވި އިސްލާހަކީ މަޝްރޫއުތައް ހަވާލުކުރުމުގައި އެއްވެސް އިވެލުއޭޝަނެއް ނުހަދައި، މަޝްރޫއުތައް ކުންފުނިތަކަށް ހަވާލުކުރެވޭގޮތަށް އޮތް އިސްލާހަށެވެ. މިއީ ކަނޑައެޅިގެން މާލިއްޔަތު ގާނޫނާ ހިލާފަށް ގަވާއިދަށް ގެނައި އިސްލާހެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަލީމް ވިދާޅުވީ މިއީ އެއްވެސް ކަހަލަ ހަމަހަމަކަމެއް އަދި ހާމަކަމެއް ނެތި ކޮށްފައިވާ ކަމެއް ކަމަށެވެ. މި މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ ކުރިން އިއުލާންކުރުމަކާ ނުލައި ހަމައެކަނި ސަރުކާރާ ގުޅުންހުރި ބޭފުޅުންގެ ކުންފުނިތަކާ ކަމަށް ސަލީމްގެ ގަރާރުގައިވެ އެވެ. މީގެ އިތުރުން، އެއް ބާވަތެއްގެ ޕްރޮޖެކްޓްތައް އެކި އަގުގައި ދީފައިވާ ކަންވެސް ސަލީމް ފާހަގަކުރެއްވިއެވެ.

އެމްޑީޕީން ވަނީ މި މައްސަލަ ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް ވެސް ރޭ ފާސްކޮށްފައެވެ. އަދި މި މައްސަލައިގައި އިދާރާތަކުން ފިޔަވަޅު ނާޅައިފިނަމަ، ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި ކަމާބެހޭ އިދާރާތަކުގެ ވެރިންނަށް ފިޔަވަޅު އަޅަން ވެސް ވަނީ ފާސްކޮށްފައެވެ.

މި ގަރާރު ފާސްކޮށްފައިވަނީ، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް