އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ
އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ
2026 އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި އާމްދަނީ އިތުރު ކުރާނެ ގޮތްތަކެއް ހިމަނާފައި ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ހުށަހެޅި ކަރުދާހުގައި ބުނީ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 40.3 ބިލިއަން ލިބޭނެ ކަމަށް 2026 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި އަންދާޒާ ކޮށްފައިވާ އިރު، ޖުމުލަ ހަރަދުގެ ގޮތުގައި 64.2 ބިލިއަން ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނީ ބަޖެޓް ފައިނޭންސިންއަށް ބަލާއިރުގައި ގްރޮސް ފައިނޭންސިންގެ ގޮތުގައި 26.2 ބިލިއަން ރުފިޔާ ފައިނޭންސް ކުރަން ހަމަޖައްސާފައި ވާކަމަށެވެ. އަދި ވަކިވަކި ބައިތަކަށް ބަލާއިރު ދައުލަތުގެ އާމްދަނީގެ ގޮތުގައި ޖުމުލަ 40 މިލިއަންގެ ތެރެއިން ޓެކްސް އިންކަމްގެ ގޮތުގައި 29 ބިލިއަން، ނަން ޓެކްސްގެ ގޮތުގައި 11.9 ބިލިއަން އަދި ގްރާންޓްގެ ގޮތުގައި 348 މިލިއަން ރުފިޔާ ލިބޭނެކަމަށް ބަޖެޓް ފޮތުގައި އަންދާޒާކޮށްފައި ވާކަމަށް އެ އޮފީހުން ފާހަގަކުރިއެވެ.

މި އަންދާޒާތަކަކީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ރިއަލިސްޓިކް އަންދާޒާތަކެއް ކަމުގައި އޮޑިޓު އޮފީހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އާމްދަނީ އިތުރު ކުރެވޭނެ ސިޔާސަތުތަކެއް ބަޖެޓްގައި ހުށަހަޅާފައިނެތުމަކީ ކަންބޮޑުމެއް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ފާހަގަކުރިއެވެ.

"ފާއިތުވެދިޔަ އަހަރުތަކަށްބަލާއިރު ފިސްކަލް ސްޓްރެޓަޖީ އަދި ރެވެނިއު ސްޓްރެޓަޖީ އަދި ދައުލަތުގެ 2024، އަދި 2025 ވަނަ އަހަރުގެ ބަޖެޓްގައި ވެސް އެބަހުރި ހުށަހަޅާފައި އާމްދަނީ އިތުރުކުރަން ބައެއް ކަންތައްތައް ހިމަނާފައި. ނަމަވެސް 2026 ވަނަ އަހަރުގެ ބަޖެޓަށް އައިއިރުގައި އާމްދަނީ އިތުރު ކުރާނެ ގޮތްތަކެއް ހުށަހަޅާފައެއް ނެތް. މިއީ ކަންބޮޑުވާކަމެއް،" ކޮމިޓީއަށް ބަޖެޓާ މެދު ހުރި ކަންބޮޑުވުންތައް ހުށަހަޅަމުން އޮޑިޓާ ޖެނެރަލް އޮފީހުގެ ޑިރެކްޓާ ޖެނެރަލް ވިދާޅުވިއެވެ.

އެހެންކަމުން 2026 ވަނަ އަހަރުގެ ބަޖެޓު ތަންފީޒު ކުރާއިރު އާމްދަނީ އިތުރުު ކުރެވޭނެ ގޮތްތަކެއް ހިމެނުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ލަފާ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް