އަހުމަދު ޝާހް   10 ނޮވެމްބަރު 2025 - 14:24
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
ރާއްޖޭގެ ފަންނުވެރިންނާއި އުފެއްދުންތެރިންނަށް ފަހި މާހައުލެއް ގާއިމްކޮށް، ޓްރޭޑްމާކުތައް ހިމާޔަތް ކޮށްދިނުމަށް މަޖިލީހަށް ހުށައަޅާފައިވާ ޓްރޭޑްމާކް ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ހުށައެޅުއްވި މިބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ.

ޓްރޭޑް މާކް ބިލުގައިވާ ގޮތުން އެ ބިލުގެ ބޭނުމަކީ ރާއްޖޭގައި ފަންނުވެރިންނާއި އުފެއްދުންތެރިންނަށް ފަހި މާހައުލެއް ގާއިމްކޮށްދީ، ޓްރޭޑްމާކްތައް ރަޖިސްޓްރީކޮށްދީ އަދި ޓްރޭޑްމާކްތަކުގެ ވެރިފަރާތްތަކަށް ހިމާޔަތްދީ އަދި އެއާހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމެވެ.

ބިލުގައި ޓްރޭޑްމާކެއް ކަމަށް މާނަކޮށްފައިވަނީ އެއް ފަރާތެއްގެ މުދަލާއި އަނެއް ފަރާތެއްގެ މުދާ ތަފާތުކޮށް، ދެނެގަނެވޭ ކޮންމެ ނިޝާނަކަށެވެ. އެހެންނަމަވެސް ޓްރޭޑްމާކެއްގެ ގޮތުގައި ބެލެވޭނީ އެ ބިލުގައި ބަޔާންކުރާ އުސޫލުތަކުގެ ތެރެއިން ރަޖިސްޓްރީ ކުރުމުން ކަމަށް އެ ބިލުގައިވެއެވެ.

ޓްރޭޑްމާކްގެ ހައްގުތަކަށް އަރައިގަންނަ ބާވަތުގެ މުދާތައް ހިފެހެއްޓުމުގެ ބާރު ކަސްޓަމްސްއަށް ދިނުމަށް ބިލުގައި ހުށަހަޅާފައި ވެއެވެ. އަދި ޓްރޭޑްމާކެއްގެ ހައްގަކަށް އަރައިގަންނަ ފަރާތްތައް އެއް ލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަން ވެސް ބިލުގައި ހުށައަޅާފައިވެއެވެ.

މި ބިލުގައިވާގޮތުން ރާއްޖޭގައި ޓްރޭޑްމަރކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް ރަޖިސްޓްރީގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅިދާނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާން ކޮށްފައެވެ.

މީގެ އިތުރުން މި ބިލުގައި ރާާއްޖޭގައި ކައުންޓަރ ފީޓްކުރުން ނުވަތަ ޓްރޭޑްމަރކް ކުރެވޭ މުދަލުގެ ނަކަލުތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭރުކުރުންވެސް ވަނީ މަނާކޮށްފައެވެ. މިފަދަ އަމަލެއް ކޮށްފި މީހަކަށް 100،000 ރުފިޔާ އާއި 2000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މި ބިލު ފާާސްކޮށް، ތަސްދީގު ކުރުމާއެކު މިހާރު ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމަރކްތައް އަލުން ރަޖިސްޓްރީކުރަން 12 މަސް ދުވަހުގެ މުއްދަތެއް ދޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް