ބާޒާރުމަތީ ސަރަހައްދުގައި އާންމުން ހަރަކާތްތެރިވަނީ
ބާޒާރުމަތީ ސަރަހައްދުގައި އާންމުން ހަރަކާތްތެރިވަނީ
މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި ޕާޓީތަކާއި ދަތުރު ދިއުމުގެ އިތުރުން މަގުތަކުގައި މީހުން ހަރަކާތްތެރިވި މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑްގެ ކޭސްތައް ރާއްޖޭގައި މަދުވި ނަމަވެސް އަދިވެސް އެ ބައްޔާ އެކު ދިރިއުޅުން މުހިންމު ކަމަށެވެ. މިދިޔަ ހަފުތާ ބަންދުގައި ފެނިގެންދިޔައީ ގިނަ ބަޔަކު މަގުތަކުގައި ހަރަކާތްތެރިވުމުގެ އިތުރުން ދަތުރުތަކާއި ޕާޓީތައް އިތުރުވެގެން ދިޔަ މަންޒަރު ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މިހާރު ރާއްޖެ ގްރީން ޒޯނަކަށް ދަތުރުކުރަމުން އަންނައިރު އެފަދަ ގޮތަކަށް އަމަލުތައް ބަހައްޓާނަމަ ގްރީން ޒޯނަށް ދިއުމަށް ހުރަސް އެޅި އެކަމަށް ދިގު މުއްދަތެއް ނަގާފާނެ ކަމަށެވެ. ކޮވިޑްގެ ކޭސްތައް ވަރަށް މަދުން ފެނުންނަމަވެސް މިއީ ރާއްޖޭގެ ކޮވިޑްގެ ހާލަތު ރަނގަޅުވުން ކަމަށް ބަލައި ފިޔަވަޅުތަކަށް ބޯނުލަނބަންވީ ވަގުތު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދިވެސް ފިޔަވަޅުތަކަށް ސަމާލުވާން ޑރ. ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފައެވެ. ފަރުވާކުޑަކޮށްފިނަމަ ކުރިން ދިމާވި ގޮތަށް ކޭސްތަކުގެ އަދަދު މަދުވުމަށް ފަހު އަނެއްކާ ވެސް އިތުރުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ހަފުތާ ތަކަކަށްފަހު ރާއްޖެ އިން ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ޢެގޮތުން އިއްޔެ ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 31 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން