ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށައެޅީ ހަގީގީ ބަޖެޓެއް ކަމާމެދު ސުވާލު އުފެދޭ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ އަންނަ އަހަރަށް ސަރުކާރުން ހުށައެޅި ބަޖެޓަކީ، ދައުލަތުގެ ހަރަދު ކޮންޓްރޯލްކޮށް މެނޭޖު ކުރުމަށް އެއްވެސް ސިޔާސަތެއް ނުހިމެނޭ، މިއަހަރުގެ ބަޖެޓު ތަކުރާރުކޮށް ހުށައަޅާފައިވާ ބަޖެޓެއް ކަމަށެވެ.

އެގޮތުން ޑރ. ޝަމްހީދު ވިދާޅުވީ، ބަޖެޓުގައި ދައުލަތުގެ އާމްދަނީ 2.5 ނުވަތަ 3 ބިލިއަން ރުފިޔާއިން އިތުރުވާނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، އެ އަދަދާ އެއްވަރަށް ރިކަރަންޓު ހަރަދުވެސް އިތުރުވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން މިއީ އާމްދަނީ އިތުރުވުމުން ލިބޭ ފައިދާއިން ނަފާ ނުލިބޭނެ ކަމެއްކަން ޑރ. ޝަމްހީދު ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު މުޅި ބަޖެޓުގެ 64.2 ބިލިއަން ރުފިޔާއަށް ބަލާއިރު، އާމްދަނީގެ ގޮތުގައި ލިބޭނީ 39 ނުވަތަ 40 ބިލިއަން ރުފިޔާ ކަމަށާއި، ބާކީ 26 ބިލިއަން ރުފިޔާ ހޯދާނެ ގޮތެއް މި ބަޖެޓުން އެނގެން ނެތް ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ. އަދި މިއީ ހަގީގީ ބަޖެޓެއް ކަމާމެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން އޮޑިޓަރ ޖެނެރަލް ވެސް ފާހަގަކުރަށްވާފައިވާ ގޮތަށް، ދައުލަތުގެ ދަރަނި ހުރީ ދެމެހެއްޓެނިވި ގޮތެއްގައި ނޫން ކަމަށާއި، ޖޫރިމަނާގެ ގޮތުގައި ލިބޭނެކަމަށް ބަޖެޓުކޮށްފައިވާ ބޮޑެތި އަދަދުތަކަކީ އާންމު ރައްޔިތުންނަށް ދެއްކޭނެ އަދަދުތަކެއްތޯ ސުވާލު އުފެދޭ ކަމަށްވެސް ޑރ. ޝަމްހީދު ވިދާޅުވިއެވެ.

"އޮޑިޓަރ ޖެނެރަލް ފާހަގަކުރި ކަންތައްތަކުގެ ތެރެއިން އެންމެ ފުރަތަމަވެސް ފާހަގަކުރެއްވި ކަމަކީ ދައުލަތުގެ ދަރަނި ހުރިީ ދެމެހެއްޓެނިވި ކަން ގެއްލިފާއޭ. މާނައަކީ ސަސްޓައިނަބިލިޓީއެއް ނެތޭ." ޑރ. ޝަމްހީދު ވިދާޅުވިއެވެ.

އަދި ދައުލަތުގެ ހަރަދު ކޮންޓްރޯލް ކުރުމަށް އެއްވެސް ސިޔާސަތެއް މި ބަޖެޓުގައި ނެތްކަމުގެ ކަންބޮޑުވުން ޑރ. ޝަމްހީދު ވަނީ ފާޅުކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް