ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލޭގޮތަށް، އިންޑިއާއާއިއެކު ހަދާ އެގްރީމަންޓް ޑީލް ތަކުގެ ސަބަބުން ސަރުކާރުގެ އިތުބާރު ގެއްލިފައިވާކަމުގައި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ފެށި ކާގޯ ފެރީގެ ޚިދުމަތާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ޓްވީޓަށް ރައްދު ދެއްވައި އާދަމް ޝަރީފް ވިދާޅުވީ އެއްވެސް ޤައުމަކާއެކު އެއްބަސްވުމެއް ވެވޭނަމަ އެކަމެއް ރައްޔިތުންނަށް ސާފުވާން ޖެހޭކަމަށެވެ. ރައްޔިތުންނަށް އެކަމެއްގައި ޝައްކު އުފެދޭ ގޮތަށް ވެވޭ އެއްބަސްވުންތަކަކީ އޭގެ ގެއްލުން ކުރާނެ ކަމެއްކަމަށް ކުރީގެ ޑިފެންސް މިނިސްޓަރުގެ މަޤާމުވެސް ފުރުއްވި އާދަމް ޝަރީފް ވިދާޅުވި އެވެ.

މިއަދު ރާއްޖެއިން އަވަށްޓެރި އިންޑިޔާއާއިއެކު ވަމުންދާ އެއްބަސްވުންތަކާއި، ހަދަމުންދާ ޑީލްތަކަކީ އެއްވެސް ވަރަކަށް ހަގީގަތް ހާމަކުރުމެއްނެތި ޤައުމީ މަސްލަހަތައްވެސް ނުރަނގަޅު އަސަރު ކޮށްފާނެ ގޮތަކަށް ހަދަމުންދާ އެއްބަސްވުންތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީގެ އެންމެ ނުރައްކާތެރި ކަމަކީ ދެޤައުމުގެ ރައްޔިތުންގެ ގުޅުމަށް މިކަމުން އަސަރުކޮށް ނޭދެވޭ ކަންތައްތަކެއް ކުރިމަތިވެދާނެތީ ކަމުގައި އާދަމް ޝަރީފް ވިދާޅުވި އެވެ.

"ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލޭގޮތަށް، އިންޑިޔާއާއިއެކު ހަދާ އެގްރީމަންޓް ޑީލް ތަކުގެ ސަބަބުން ސަރުކާރުގެ އިތުބާރުވަނީ ގެއްލިފަ. ދިވެހިންނާއި އިންޑިޔާ މީހުންގެ މެދުގައި ނުތަނަވަސްކަން އުފެދި ދެ ޤައުމުގެ ރައްޔިތުންގެ ގުޅުން ގޯސްވެދާނެތީ ކަންބޮޑުވޭ." އާދަމް ޝަރީފް ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ޓެގްކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި ޓުވީޓުގައި އެމަނިކުފާނު ވަނީ، އިންޑިއާގެ ކޮޗިންއިން ކުޅުދުއްފުށި ސިޓީއަށް ކާގޯ ފެރީގެ ޚިދުމަތް ފެށިގެންދިޔަކަމަށްޓަކާ އިންޑިއާގެ ބޮޑުވަޒީރަށާއި، އިންޑިއާ ސަރުކާރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން، އިތުރަށް ބަދަހި ވެގެންދާނެކަމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ. އަދި މި ޚިދުމަތުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށްވެސް ހެޔޮ އަސަރުތަކެއް ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން