ކޯސްޓްގާޑުން އަތުލައިގަތް ބޯޓު
ކޯސްޓްގާޑުން އަތުލައިގަތް ބޯޓު
355 ކިލޯގެ މަސްތުވާތަކެއްޗާއެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން އަތުލައިގަތް ލަންކާ މަސް ބޯޓުގައި ތިބި ލަންކާ ފަސް މީހުން ޝަރީޢަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.



ޑްރޯންގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަވިޝްކާ ޕުތާ ނަމަކަށް ކިޔާ އެ ބޯޓު ހޯދައި، ސިފައިންގެ ބާރުގެ ދަށަށް ގެނައީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކޮށް އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެނައީއެެވެ.

އެމްއެންޑީއެފުން މި އުޅަނދު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގޯނިތަކެއް ހުރިކަން ފާހަގަކުރެވިގެން، އުޅަނދާއި އުޅަނދުގައި ތިބި 05 ފަޅުވެރިން ދިވެހި ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ.

ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން އެ އުޅަނދު ބަލައި ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ގޯނި ފެނިފައިވާ ކަމަށެވެ.ޗމިތަކެތީގެ ވަގުތީ ބަރުދަނުގައި 355.9 ކިލޯ ގްރާމް ހުރި އިރު، އޭގެތެރޭގައި ހިމެނެނީ ހެރޮއިން ކަމަށް ޝައްކުކުރެވޭ 58.6 ކިލޯ ގްރާމް އަދި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 297.3 ކިލޯ ގްރާމްގެ ތަކެއްޗެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ކޭ އެން އައި ޕެއިރިސް، 39، ސިންގައްޕުލިގެ ނިމަލް ރަންޖިތު، 63، ވަރްނަކުލަސުރިޔަ ނިޝަންތަ ތަމެލް، 34، މިހިޑުކުލަސުރިޔަ އަންޑަރަގެ އަމިލަ، 42 އަދި ވަރްނަކުލަސޫރިޔަ އޮޝެން ސަޗިންތަ، 28 އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގެ ކުށުގައި ހައްޔަރުކުރި އެ ފަސް މީހުންގެ ބަންދު އަމުރުގައި ބުނެފައިވަނީ މި މައްސަލައަކީ ގިނަ ބަޔަކު ޝާމިލުވެގެން ކުށްކުރާ ނޯޓުވޯކަކުން ހިންގާފައިވަ ކުށެއް ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އެ ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ، ދިވެހި ފުލުހުންގެ ޚިދުމަތާއި އެމްއެންޑީއެފް، ސްރީލަންކަން ނޭވީ، އަދި ސްރީލަންކަން ޕޮލިސް ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު