ސަރަހައްދީ ތަރައްޤީއާއި ދެކޮޅު ވިސްނުމަކަށް ޖަޒީރާ ރާއްޖެ ތަރައްޤީއެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަތަކަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން ފިރުޝާން ރައްދު ދެއްވައިފި އެވެ.

އިންޑިއާއާއި ރާއްޖެއާއި ދެމެދު ފަށާފައިވާ ކާގޯ ފެރީއާއި ގުޅޭގޮތުން އިދިކޮޅުގެ ބޮޑެތި ފާޑުކިޔުތުންތައް އަމާޒުވެފައިވާ މިދަނޑިވަޅުގައި ފިރުޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ޕީޕީއެމް، ޕީއެންސީއަކީ މަރުކަޒީކޮށް އެއްތަނަކަށް ބާރުތައް ޖަމާކޮށްގެން ބާރުތައް މުށުތެރެއަށް ލައިގެން ވެރިކަން ކުރުމަށް އާދަވެފައިވާ ބައެއްކަމަށެވެ. މިއަދު ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ އެމީހަކު ހުރި ސަރަހައްދަކުން ހުރިހާކަމެއް ފަހިވުންކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިއަދު އޮތް ސަރުކާރަކީ މަރުކަޒީ ވިސްނުންދޫކޮށް ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ތަރައްޤީ ކުރުމަށް ވިސްނުން ގެންގުޅޭ ސަރުކާރެއް ކަމަށްވާއިރު، އިންޑިއާގެ ކޮޗިންއާއި، ރާއްޖޭގެ އުތުރުގެ އެންމެބޮޑު އެއްރަށް ކަމުގައިވާ ކުޅުދުއްފުށްޓާއި ދެމެދު ފަށާފައިވާ ވިޔަފާރީގެ ފެރީއަކީ އުތުރަށް އެތައް ގޮތަކަށް ތަރައްޤީއައިސް ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްޤީވުމަށް އެޅިގެން ދިޔަ ރަނގަޅު ބިންގަލެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ ރާއްޖެ ލާމަރުކަޒީ އުސޫލުން ތަރައްޤީ ކުރުމަށް ޚާއްސަކޮށް އުތުރުގެ ރަށްތައް ތަރައްޤީގެ އާ އުސްމިންތަކަކަށް ދިއުމަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެއް ކަަމަށެވެ. އަތޮޅުތަކާއި، އަތޮޅުތެރޭގެ ރައްތަށް ތަރައްޤީނުވާނަމަ ރާއްޖެ ދުވަހަކުވެސް ތަރައްޤީ ނުވާނެކަމަށް ފިރުޝާން ވިދާޅުވިއެވެ.

"މަރުކަޒީ ވިސްނުމަކުން ލާމަރުކަޒެއް ނުކުރެވޭނެ. ސަރަހައްދީ ތަރައްޤީއާއި، ދެކޮޅު ވިސްނުމަކަށް މި ޖަޒީރާ ރާއްޖެ ތަރައްޤީއެއް ނުކުރެވޭނެ. ޕީޕީއެމް ޕީއެންސީގެ ވިސްނުން ދިވެހި ރައްޔިތުންނަށް އޮޅިފައެއް ނުވޭ. މީ ފެށުން. އަތޮޅުތަކުގެ ތަރައްޤީ ދާނީ ކުރިއަށް." ފިރުޝާން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން އިންޑިއާ ސަރުކާރުގެ ފެރީ ނިޒާމަށް އަމާޒުކޮށް ކިޔާ ފާޑުކިޔުންތަކާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވަނީ އެވާހަތަކަށް ރައްދު ދެއްވާފައެވެ. އިންޑިޔާގެ ކޮޗިން އިން ކުޅުދުއްފުށްޓަށް ފަށާފައިވާ މުދާ ފެރީ ފެށުމުގެ ރަސްމިއްޔާތުގައި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަތަކަށް ރައްދު ދެއްވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މި ސަރުކާރުން ލާމަރުކަޒީ އުސޫލުން ކަންކަން ކުރުމަށް ހުޅުވާލީ މާލެއަށް އަތޮޅުތަކުގެ ރައްޔިތުން ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް ކަމަށެވެ. މިއަދު މިފެށި ފެރީގެ ނިޒާމާއިއެކީ އުތުރުގެ ރައްޔިތުންނަށް ވިޔަފާރީގެ ގިނަ ކަންކަމަށް ހައްލު ލިބިގެންދާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ އަތޮޅުތެރެއިން ލިބޭ ޚިދުމަތްތައް ފުޅާކޮށް އެސަރަހައްދެއްގެ ރައްޔިތުންނަށް އެސަރަހައްދަކުން ހިދުމަތް ލިބޭނެ އިންތިޒާމުތައް ފަހިކޮށް ދިނުންކަމަށް ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން