އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން-
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން-
މިހާރު އެއްވެސް މީހަކަށް ނޭނގި އެމީހަކު އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވެއްދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީ އިން މިހެން ބުނެފައިވަނީ އެ ކޮމިޝަންގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެމުންނެވެ.

ކޮމެޓީގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ވަނުމާއި ވަކިވުމުގެ ކަންކަން މި އަހަރުން ފެށިގެން އީ-ފާސް މެދުވެރިކޮށް ކުރަމުން އަންނާތީ އެއްވެސް މީހަކަށް ނޭނގި މިހާރު ސިޔާސީ ޕާޓީއަކަށް ނުވެއްދޭނެކަމަށެވެ. އަދި އެއް ޕާޓިއަށް ވުރެ ގިނަ ޕާޓީގައި މިހާރު ނަން ނޯންނާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޒާހިދު ވިދާޅުވީ އެއްވެސް މީހަކު މިހާރު ޕާޓީއަކަށް ވަންނަން ނުވަތަ ޕާޓީއަކުން ކެނޑެން ބޭނުންވާ ނަމަ އެކަން ކުރަން ޖެހޭނީ އީ-ފާސް މެދުވެރިކޮށް ޕޯޓަލަށް ހުށަހަޅައިގެންކަމަށެވެ.

އެގޮތަށް ހުށައެޅުމުން އޭރުން ސީދާ އެ ޕާޓީއަކަށާއި އެމީހަކަށް އަދި ކޮމިޝަނަށް އެކަން އެނގޭނެކަމަށް ޒާހިދު ވިދާޅުވިއެވެ. އަދި އެއްވެސް މީހަކަށް ޕާޓީއަކަށް ވަދެވޭނީ އެ ޕާޓީއަކަށް އާއެކޭ ބުނުމުންކަމަށްވެސް ޒާހިދު ވަނީ ވިދާޅުވެފައެވެ.

މީގެެއިތުރުން ޕާޓީއަކުން ވަކިވާން އެދި ހުށަހެޅުމުން އެކަން ވަކި މުއްދަތެއްގައި އެ ޕާޓީން ނުކޮށްދީފިނަމަ ކޮމިޝަނުން އެ މީހަކު އެ ޕާޓީން ވަކިކޮށްދޭނެކަމަށްވެސް ޒާހިދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު