މިވެރިކަމުގައި މިހާތަނަށް 6 ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ ތަރައްޤީގެ މަޝްރޫޢު އެވޯޑް ކުރެވިފައިވާކަމަށާއި، މިއީ ނިމިދިޔަ ވެރިކަމުގެ 5 އަހަރުގައިވެސް ނުކުރެވޭ ވަރެއް ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގުރާމުގައި އާންމު ރައްޔިތުންކުރި ބައެއް ސުވާލުތަކަށް މިނިސްޓަރ އަމީރު ވަނީ ޖަވާބު ދެއްވާފަ އެވެ. އާންމުން ކުރިމަތިކުރި ބައެއް ސުވާލުތަކާއިމެދު ހިންހަމަ ޖެހި ވަޑައިނުގެންނެވި ނަމަވެސް މިނިސްޓަ އަމީރުވަނީ އެސުވާލުކަށްވެސް ޖަވާބު ދެއްވާފައެވެ. ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެ ތަރައްޤީގެ މަޝްރޫޢު ނުހިންގޭ ކަނަށްބުނެ އެކަމާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގައި ތަރައްޤީގެ ކަންކަން މިއިން ޒަމާނަކުވެސް ނުކުރެވޭ ވަރަށް މިސަރުކާރުން ކުރެވިގެންދާނެކަމަށެވެ.

ފާއިތުވެގެން މިދާ މި ވެރިކަމުގެ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ މަޝްރޫޢުތައް އެވޯޑްކޮށް، މަސައްކަތްވެސް މިހާރު ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނިމިދިޔަ ވެރިކަމުގައި ތަރައްޤީގެ ނަމުގައި ބޮޑެތި ލޯނު ނެގިނަމަވެސް ރައްޔިތުން އުންމީދު ކުރި ތަރައްޤީއެއް ނައިކަމުގައި މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"ލޯނު ހޯދުމަކީ އިޤްތިޞާދު ކުރިއަރާ ކަމެއްނޫން. ލޯނުން ކުރެވޭ މަސައްކަތްތައް ފެންނަންޖެހޭ. ޓެންޑާބޯޑުން އެވޯޑް ކޮށްފި މިދިޔަ 5 އަހަރުގައި ތަރައްޤީގެ މަޝްރޫޢު އެވޯޑް ނުކުރާވަރަށް. މިހާތަނަށް އަޅުގަނޑުމެންވާނެ އެވޯޑް ކޮށްފަ 6 ބިލިޔަން ރުފިޔާގެ ޕްރޮޖެކްޓް." މިނިސްޓަރ އަމީރު ވިދާޅުވި އެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށްޓަކައި ނަގަމުންދާ ލޯނުތަކުގެ ނަތީޖާ ދާދި އަވަހަށް ފެނިގެންދާނެކަމަށެވެ. މިކަމުގެ ސަބަބުން އިޤްތިޞާދު ކޮޅަށްޖެހި ޤައުމުގެ ދުވެލި ކުރިއެކޭ އެއްގޮތަށް ދިއުމަށް އިތުރު ފުރުސަތުތަކެއް ތަނަވަސް ވެގެންދާނެކަމަށެވެ. އެގޮތުން ދާދި އަވަހަށް ޕޯޓް މަޝްރޫޢާއި، ބްރިޖް މަޝްރޫޢާއި، ހަނިމާދުއާއި، އައްޑޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުފަދަ ބޮޑެތި ބިޔަ މަޝްރޫއުތައް ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެތަކެއް ނަރުދަމާގެ މަޝްރޫޢުތަކެއްވެސް ފެށިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ކަންކަން މިހާރު އަންދާޒާ ކުރެވޭ ގޮތުން އަންނަ އަހަރުގައި 15 ނޫނީ 17 ޕަސެންޓްގެ ކުރި އެރުމެއް އަންނާނެ ކަމަށެވެ. އަދި 2022 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު އަލުން އިޔާދަވެ 2019 ވަނަ އަހަރުގެ ހިސާބުތަކަށް ދެވޭނެކަމަށް އަންދާޒާ ކުރެވޭކަމަށް ވެސް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ފިސްކަލް ސޭވިންް އެއް ނެތް ކަމަށާއި މިފަދަ އިގްތިސޯދީ ކާރިސާ އަކަށް ތައްޔާރުވުމަށް ފައިސާ ރައްކާކޮށްފައި ހުރި ނަމަ މި ހާލަތުގައި އެ ފައިސާ ބޭނުން ކުރެވުނީސް ކަމަށެވެ.

"އެހެންނޫނީ އަޅުގަނޑުމެން ޖެހޭނީ ދަރަންޏަށް ފައިސާ ނަގައިގެން އެކަން ކުރަން. ހަގީގަތަކީ އަޅުގަނޑުމެންނަށް އެގޮތަށް ރާވައިގެން ފިސްކަލް ރިޒާވެއް ގާއިމް ކުރެވިފައެއް ނެތް. އެހެންވިމާ އަޅުގަނޑުމެން މިހާރު އެބަޖެހޭ ދަރަންޏަށް ފައިސާ ނަގައިގެން ވެސް އެކަންތައް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


-3

މުަހައިމިން

29-Sep-2020

ސަރުކާރުން ހަދަނީ ހުސް ދޮގު



ޓްރެންޑިން