ސައުދީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު-
ސައުދީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު-
ސައުދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ދެމުން އަންނަ ހައްޖު ކޯޓާ އިތުރު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔަހްޔާ ހަަސަން އަލް ގަހުތާނީ ވިދާޅުވެއްޖެއެވެ.

ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް މިހާރު ދެނީ އަހަރަކު 1،000 މީހުންގެ ކޯޓާއެވެ. ކޮންމެ އަހަރަކު ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ 2،000 އަށް އިތުރު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކާއެކުގައި ސައުދީ އެމްބަސީގައި ބޭއްވެވި ބައްދަލުވުމެއްގައި ޔަހްޔާ ވިދާޅުވީ ރާއްޖެއަށް ލިބޭ ކޯޓާ އިތުރު ކުރުމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އަދި އެ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ސައުދީ ސަރުކާރުން ކޮންމެ ގައުމަކަށް ވެސް ވަކި އަދަދެއްގެ ހައްޖު ކޯޓާ ކަނޑައަޅާފައިވަނީ އެ ގައުމެއްގެ އާބާދީއަށް ބަލާފައި ކަމަށެވެ. އެހެންކަމުން ވަކި ގައުމަކަށް ކަނޑައަޅާފައި އޮންނަ ހައްޖު ކޯޓާއިން ބައެއް އުނިކޮށްފައި، އެހެން ގައުމެއްގެ ކޯޓާ ތެރެއަށް އިތުރު ކުރާ ނަމަ އުނިކުރި ގައުމަކުން ހިތްހަމަނުޖެހޭނެ ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.

"އެކަމަކު މިކަމުގައި ހައްލުތަކެއް ހޯދޭނެ. ރާއްޖެއަށް ކަނޑައަޅާފައި އޮތް ހައްޖު ކޯޓާ އަދި އިތުރުވާނެ އިންޝާ ﷲ. އެކަމަށް މަސައްކަތް ކުރާނަން" ސަފީރު ވިދާޅުވިއެވެ.

ހައްޖަށް ދިއުމަށް އެހެން ގައުމުތަކަށް ކަނޑައަޅާފައިވާ ކޯޓާތަކުގެ ތެރެއިން އެ ގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާގެ ތެރެއިން ބައެއް ރާއްޖެއަށް ހޯދަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ ސަރުކާރާއެކު މިދިޔަ އާދިއްތަ ދުވަހު ވަނީ މަޝްވަރާ ކުރައްވައިފައެވެ. ޝަހީމް ވިދާޅުވީ ގައުމުތަކަށް ދީފައި އޮންނަ ހައްޖު ކޯޓާގެ އިތުރަށް، އިތުރު ކޯޓާ މިހާރު ނުދޭ ކަމަށެވެ.

ނަމަވެެސް، އެހެން ގައުމުތަކަށް ދީފައި ހުންނަ ކޯޓާގެ ތެރެއިން އެގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާތައް، އިތުރަށް ކޯޓާ ބޭނުންވާ ގައުމުތަކުން ބޭނުން ކުރެވޭ އުސޫލެއް އޮންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް