ފިނޭންސްގެ މެމްބަރުން ބަޖެޓު ކޮމިޓީ ބައްދަލުވުމުގައި-
ފިނޭންސްގެ މެމްބަރުން ބަޖެޓު ކޮމިޓީ ބައްދަލުވުމުގައި-
މުސާރައަށް ކުރާ ހޭދަ، މިހާރު ކަނޑައެޅިފައިވާ މިންގަނޑުތަކަށް ވުރެ މައްޗަށް ގޮސް ބޮޑުކުރާނަމަ ސަރުކާރުގެ ފިސްކަލް ހަރަދު ނުހިފެހެއްޓޭ މިންވަރަކަށް ހިނގައިދާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިދިޔަ އަހަރަށް ވުރެ 2.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މި ބަޖެޓުގައި މުސާރަ އާއި އެލެވަންސުތައް ދިނުމަށް 17 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އެއީ މުސާރަ އާއި އުޖޫރައަށް 8.6 ބިލިއަން ރުފިޔާ، އަދި އިނާޔަތްތަކަށް 6.1 ބިލިއަން ރުފިޔާ އާއި ޕެންޝަނަށް 2.3 ބިލިއަން ރުފިޔާއެވެ.

މި ބަޖެޓުން ދައްކާގޮތުގައި އެއް ދާއިރާއަކުން އެންމެ ބޮޑު ހަރަދެއް ހިނގާނީ ދައުލަތުގެ މުވައްޒަފުންނަށް މުސާރަތަކާއި އެލަވަންސުތައް ދިނުމަށެވެ. މި އިތުރުވުން އައީ، މުވައްޒަފުން އިތުރުވުމުންނާއި ދައުލަތުގެ މުސާރަތައް އެއް ހަމަކުރަން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ ދަށުން މުސާރަތައް ބޮޑުކުރުމުން ކަމަށް ސަރުކާރުން ބުނެއެވެ.

ނަމަވެސް ބަޖެޓްގައި މިނިވަން މުއައްސަސާތަކަށް ކަނޑައަޅާފައިވާ މިންވަރު ބޮޑުކޮށްދިނުމަށް އެ މުއައްސަސާތަކުން، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި އެދިފައިވާ މައްސަލާގައި، މަޖިލީހުގެ ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ މުސާރައަށް ކުރާ ހޭދަ ކޮންމެ އަހަރަކު ބޮޑުވަމުން ދިއުމަކީ ދައުލަތުގެ ފިސްކަލް ހާލަތު ހަމައަކަށް އަޅުވަން އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

އޭނާ ވިދާޅުވީ ހަމައެކަނި މުސާރައަށް އަންނަ އަހަރުގެ ބަޖެޓުގައި 14.8 ބިލިއަން ރުފިޔާ ހޭދަ ކުރާއިރު، ޕެންޝަނަށް ދައްކަންޖެހޭ އަދަދާ އެކު އެ އަދަދު 17 ބިލިއަން ރުފިޔާއަށް އިތުރުވާ ކަމަށެވެ.

ސާއިދު ވިދާޅުވި ކަސްޓަމްސް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެހެން އިދާރާތަކުން ވެސް މުވައްޒަފުން އިތުރަށް ބޭނުންވާ ކަމަށް ފާހަގަ ކުރާއިރު، އެ އިދާރާތަކުގެ މިހާރު ވެސް އެންމެ ބޮޑު ހަރަދެއް ދަނީ މުވައްޒަފުންނަށް ކަމަށެވެ.

އަދި އެފަދަ މުއައްސަސާތަކުގައި އެހެން ގާނޫނީ ޒިންމާތައް އަދާކުރުމަށް ބަޖެޓު ކުޑަވަނީ ވެސް މުވައްޒަފުންނަށް ކަނޑައަޅަންޖެހޭ ބަޖެޓު އިތުރުވުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް