ފާއިތުވެދިޔަ އެއްވެސް ސަރުކާރަކުން ދަރަނި މެނޭޖްކޮށް ރެކޯޑް ބަލަހައްޓާފައިނުވާހާ ރަނގަޅަށް ފުރިހަމަކޮށް އެކަން ކުރައްވާފައިވާނެކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ނުސީދާ ރައްދެއް ރައީސް މުހައްމަދު ނަޝީދަށް ދެއްވައިފި އެވެ.

ދައުލަތުން ނަގާފައިވާ ލޯނުތަކާއި ދައުލަތުގެ ނަމުގައި ދީފައިވާ ގެރެންޓީތަކުގެ ކަންކަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރަނގަޅަށް މެނޭޖު ކޮށްފައި ނުވާ ކަމަށާއި މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އެކަން ރަނގަޅަށް ކުރައްވަމުން ނުގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން މިނިސްޓަރ އަމީރު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަންވެސް ހިމެނޭހެން އެއްވެސް ވެރިކަމެއްގައި ދަރަނި ނުބަލަހައްޓާހާ ރަނގަޅަށް މިވެރިކަމުގައި އެކަން ބަލަހައްޓާފައިވާ ކަމަށެވެ.

މިސަރުކާރުން ދަރަނި މެނޭޖް ކުރުމާއި، ދަރަނީގެ ރެކޯޑް ބަލަހައްޓަމުންދަނީ ދެފުށް ފެންނަ ޓްރާސްޕޭރެންޓް ނިޒާމެއްގެ ތެރެއިން ކަމަށާއި، ފިނޭންސް މިނިސްޓްރީން މިކަން ކުރާ ގޮތާއިމެދު ހިންހަމަ ޖެހި ވޯލްޑް ބޭންކް ފަދަ ތަންތަނުންވެސް ތައުރީފް ކޮށްފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"ވަރަށް ޓްރާސްޕޭރެންޓް ޕްރޮސަސްއެއްގެ ދަށުން އަޅުގަނޑުމެން ހުރިހާކަމެއްވެސް ކުރަމުންދަނީ. މީގެކުރިން ވޯލްޑްބޭންކުތަކުން ދޭ ސްކޯއަށްވުރެ ވެސް މާބޮޑުތަން މިހާރުވަނީ ރަނގަޅުވެފަ. ކުރީގެ އެއްވެސް ސަރުކާރެއްގައި ނުކުރެވޭ މިންވަރަށް، ޓްރާސްޕޭރެންޓްކޮށް ރަނގަޅަށް ދަރަނި މެނޭޖް ކުރުމުގައިވެސް އަދި ދަރަނި ރެކޯޑް ކުރުމުގައިވެސް ކަންތައްތަކެއް ކުރިއަށް ގެންދޭ. އަދި މިކަންކަމަށް އައިއެމްއެފް ވޯލްޑް ބޭންކުންވެސް ފާހަގަކޮށްފައިވޭ." މިނިސްޓަރ އަމީރު ވިދާޅުވި އެވެ.

މަޖިލިސް ރައީސް ނަޝީދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްގައި، ދައުލަތުން ނަގާފައިވާ ލޯނުތަކާއި ގެރެންޓީތަކާއި ބޮންޑުތަކުގެ އަދަދުތަކާ ގުޅޭ ތަފްސީލު މަޖިލީހަށް ކުރިން ލިބިފައިވާ މައުލޫމާތުތަކާ ދިމާ ނުވާ ކަމަށެވެ.

"ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ދަށުން ލޯނެއް ނަގާތާ ނުވަތަ ގެނެރެންޓީއެއް ދޭތާ ނުވަތަ ބޮންޑެއް ވިއްކާތާ 30 ދުވަހުގެ ތެރޭގައި މި މަޖިލީހަށް އެކަމާ ބެހޭ އެންމެހައި މައުލޫމާތު ފޮނުވަން ޖެހޭ. ދެހާސް ތޭރަ ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދުގައި އެކިއެކި ފިނޭންސް މިނިސްޓަރުން ވަނީ އެ މައުލޫމާތު ފޮނުއްވާފައި،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، އެ ފުށުއެރުންތަކުގެ ސަބަބުން ދައުލަތުގެ ދަރަނީގެ އަދަދަކީ ސީދާ ކިހާވަރެއްކަން ސާފެއް ނުވެ އެވެ. އެހެންކަމުން ޔާމީންގެ ސަރުކާރާއި މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު ވެސް އުސޫލާ އެއްގޮތަށް އަމަލު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވި އެވެ.

ފިނޭންސް މިނިސްޓްރީން ޖޫން މަހުގެ ނިޔަލަށް އާއްމު ކޮށްފައިވާ ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ގެރެންޓީ ދޫކޮށްފައިވާ ދަރަނި ހިމަނައިގެން ބަލާނަމަ މިހާރު ހުރީ 73.9 ބިލިއަން ރުފިޔާގަ އެވެ. މި ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ވަނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 108 ޕަސެންޓުގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 55 ޕަސެންޓުގަ އެވެ.


ކިޔުންތެރިންގެ ހިޔާލު


-3

علي وحيد

29-Sep-2020

ދައުލަތައް އާމްދަނީ ލިބޭ މިންވަރާއި ،ދައުލަތް ދަރަނިވާމިންވަރު ތިބަލަހައްޓަނީ އައިއެސްއޯ ގަބޫލުކުރާ ފެންވަރަށް އެހެންވެ މުޅި ދިވެހިރާއްޖެ ދަރުވާ ވިއްކާ އަޅުވެތިކޮށް ނިންމައިފި



ޓްރެންޑިން