ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން
ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން
ރާއްޖެއަށް ކަނޑުމަގުން ޑްރަގް އެތެރެކުރުމުގެ ތުހުމަތުގައި ހުވަދު އަތޮޅުން 16 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ، ރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތާ ގުޅިގެން، މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގއ. އާއި ގދ. އަދި މާލެއިން ޖުމުލަ 16 މީހަކު ހައްޔަރުކޮށް 12 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ގއ. މާމެންދޫއިން 8 މީހަކާއި، ގދ. ވާދޫއިން 5 މީހަކާއި، މާލެއިން 3 މީހަކު ހައްޔަރު ކޮށްފައިވެއެވެ. މީގެ ތެރޭގައި އުމުރުން 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި 24 އަހަރުގެ އަންހެނެއް ހިމެނެއެވެ. މަސްތުވާތަކެތި ހޯދުމަށް 18 ގެއާއި، ގެސްޓް ހައުސްއަކާއި، އޮފީހަކާއި، ފަޅު ރަށެއްގެ އިތުރުން ދެ ހުސް ބިން ބަލައި ފާސްކުރެވުނުއިރު، ދެ ކާރާއި ފަސް ސައިކަލުވެސް ވަނީ ބަލައިފާސްކޮށްފައެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން 11 މީހެއްގެ ބަންދާ މެދު ކޯޓުން ވަނީ ގޮތެއް ނިންމާ އެކި މުއްދަތުތަކަށް ބަންދުޖަހާފައެވެ.

މި އޮޕަރޭޝަނަކީ ރައީސް މުޙައްމަދު މުޢިއްޒުގެ ޚާއްސަ އެންގެވުމަކަށް އިއްޔެ ރޭ ފަތިހު 5:30 ގައި މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފެށުނު އޮޕަރޭޝަން އަލިމަގުން ލިބުނު މައުލޫމާތުގެ އަލީގައި ހިންގުނު އޮޕަރޭޝަނެކެވެ. "އޮޕަރޭޝަން އަލިމަގު" ގައި އިއްޔެގެ މެންދުރާ ހަމައަށް 97 މީހަކު ހައްޔަރުކޮށްފައިވާއިރު، އެއީ މަސްތުވާތަކެތި ވިއްކާ މީހުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވެއެވެ.

މި އޮޕަރޭޝަންގައި 500 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވެ، 100 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކޮށްފައިވެއެވެ. އަދި މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފަހުގެ ތާރީހެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ހަރަކާތް ކަމަށް ފުލުހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް