ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ތެލަސީމިއާ ބަލި ތަހައްމަލު ކުރާ މީހުންނަށް ދޭން ކަނޑައަޅާފައިވާ އެލަވަންސް، ކުރިން ކަނޑައެޅި 1000 ރުފިޔާއިން 2000 ރުފިޔާއަށް އިތުރުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރޭ އިޢުލާން ކުރައްވައިފިއެވެ.



ރައީސް ޑރ. މުއިއްޒު މިކަން އިޢުލާން ކުރެއްވީ ޕީއެންސީން ރޭ ބޭއްވި ބޮޑު ސިޔާސީ އެއްވުމުގައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ، "ތެލެސީމިއާ ކުދިންނަށް 2000ރ. ގެ އެލަވެންސެއް އަޅުގަނޑުމެން މި ކަނޑައެޅީ، 2000ރ. ގެ އެލެވެންސެއް ތެލެސީމިއާ ކުދިންނަށް ކުރިއަށް އޮތް ބަޖެޓުގެ ތެރެއިން ފެށިގެން ލިބެމުން ދާނެ" ކަމަށެވެ. މިއީ އެކުދިންނަށް ހާއްސަ އިސްކަމެއް ދިނުމުގެ ގޮތހުން ކުރެވޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ނަަމަވެސް، ތެލަސީމިއާ ހުންނަ ފަރާތްތަކަށް ކޮންމެ މަހަކު 1000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމައި، އަންނަ އަހަރުގެ ބަޖެޓްގައި އެ ފައިސާ ހިމަނުއްވާފައިވާކަން ރައީސް މުއިއްޒު އިޢުލާން ކުރެއްވީ ހުސްވި މަހު ލ. ގަމު ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. އެ ދުވަހު އެމަނިކުފާނު ވިދާޅުވެފައި ވަނީ، މި އެލަވަންސަކީ އެކުދިންނަށް މިހާރު ލިބޭ ފަރުވާއަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ތެލަސީމިއާ ހުންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ހިމަނާފައިވަނީ 11.7 މިލިއަން ރުފިޔާއެވެ. މިއީ ތެލަސީމިއާ ހުންނަ މީހުންގެ ގޮތުގައި ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ 982 މީހުންނަށް މަހަކު 1000 ރުފިޔާ ޖެހޭ އަދަދެވެ. އެހެންކަމުން، އެލަވަންސް 2000 ރުފިޔާއަށް އިތުރުވުމާއެކު، މި ބޭނުމަށް ބަޖެޓުން ހަރަދުކުރާނެ އަދަދު އިތުރުވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް