ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
ސަރުކާރުން ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓު އޮތް ގޮތަށް ފާސްކޮށްފިނަމަ ދިވެހި ރުފިޔާގެ އަގު އެއްކޮށް ވެއްޓިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓަށް ބަހުސް ކުރަށްވަމުން ޑރ. ޝަމްހީދު ވިދާޅުވީ، އަންނަ އަހަރަށް ބޭނުންވާ 26 ބިލިއަން ރުފިޔާ ހޯދަން ސަރުކާރަށް ނުކުޅެދިއްޖެނަމަ، ދައުލަތަށް އަނެއްކާވެސް ފައިސާ ޗާޕުކުރަން ޖެހި، ރުފިޔާގެ އަގު ވެއްޓިދާނެ ކަމާމެދު ކަންބޮޑުވާ ކަމަށެވެ.

ޑރ. ޝަމްހީދު ވިދާޅުވީ، މިއީ ގައުމެއްގެ މާލީ ކަންކަން ޒިންމާދާރުކަމާއެކު ހިންގާ ގޮތް ނޫން ކަމަށާއި، މި އަހަރަށްވުރެ އަންނަ އަހަރުގެ ރިކަރަންޓު ހަރަދު 8 ބިލިއަން ރުފިޔާ އިތުރުވެފައިވާކަމަށެވެ.

"މިގޮތަށް ބަޖެޓު ފާސްކޮށްގެން އަޅުގަނޑުމެން ހޭދަކުރަން ފަށައިފިނަމަ ދިވެހި ރުފިޔާގެ އަގު އެއްކޮށް ވެއްޓިގެން ހިނގައިދާނެ. މި ރުފިޔާއަކީ އަގެއްނެތް އެއްޗަކަށް ވެގެންދާނެ،" ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ޑރ. ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު، އަންނަ އަހަރުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ސަރުކާރުން ރާވާފައިވަނީ، 16.8 ބިލިއަން ރުފިޔާ ބޭރުގެ ލޯނާއި ސުކޫކު ވިއްކައިގެންނާއި، އެތެރޭގެ ބާޒާރުން 5 ބިލިއަން ރުފިޔާ ހޯދައިގެންނާއި، 4.2 ބިލިއަން ރުފިޔާ ސޮވްރިން ޑިވެލޮޕްމަންޓު ފަންޑުން ހޯދައިގެންނެވެ. އަދި ބޭރުން ހޯދާ ފައިސާގެ ތެރެއިން 6.9 ބިލިއަން ރުފިޔާ ސުކޫކު ރީފައިނޭންސް ކުރުމަށާއި، 4.5 ބިލިއަން ރުފިޔާ ބަޖެޓު ސަޕޯޓަށް ބޭނުންކުރަން ރާވާފައިވާކަމަށް މާލީ ވަޒީރު މަޖިލީހުގައި ވިދާޅުވިއެވެ.

ލޯނު ދެއްކުމަށް ސޮވްރިން ޑިވެލޮޕްމަންޓު ފަންޑުގެ ފައިސާ ބޭނުންކުރަން ސަރުކާރުން ނިންމާފައިވާއިރު، މި ފަންޑުގައި މިހާރު 1.5 ބިލިއަން ރުފިޔާ ހުރިކަމަށް ޒަމީރު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް