ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
ކޮންމެ ފަސް އަހަރަކުން ޖީބު ފުރައިގެން ދިއުމުގެ ވިސްނުން ނޫން އެހެން ކަމެއް ރާއްޖޭގެ ސިޔާސީވެރިންގެ ކިބައިގައި ނެތް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

ކުޑޫ މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަޢުލަތުގެ ބަޖެޓަށް ބަހުސް ކުރަށްވަމުންނެވެ. އެގޮތުން ކުޑޫ ވިދާޅުވީ، ދުނިޔޭގެ ގައުމުތަކަށް ލިބިފައިވާ އެންމެ ބޮޑު ނަސީބަކީ އިހްލާސްތެރި ވެރިން ކަމަށާއި، އެފަދަ ވެރިން ދިވެހިންނަށް ލިބިފައި ނެތުމަކީ ދިވެހިންގެ ބަދުނަސީބު ކަމަށެވެ.

އަދި ތަރައްގީ ވެފައިވާ ގައުމުތައް ތަރައްގީ ކުރަނީވެސް އަދި އާމްދަނީ ލިބޭނެ ގޮތްތައް ކަނޑައަޅަނީވެސް އެ ގައުމުތަކުގެ އިހްލާސްތެރި ވެރިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ ހާލަތު ތަފާތުކަން ފާހަގަކުރައްވައި މެމްބަރު ކުޑޫ ވިދާޅުވީ، ދިވެހިންނަށް އުޅެން ޖެހިފައި އޮތް ގޮތަކީ އެއް ގައުމު ކައިރިން ސަލާން ޖަހައިގެން ހިލޭ އެހީ ހޯދައި، އަނެއް ގައުމު ކައިރިން ބަޖެޓު ސަޕޯޓު ހޯދުން ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓަށް އަލިއަޅުއްވާލައްވަމުން ކުޑޫ ވިދާޅުވީ، އާމްދަނީއަށް ނުބަލައި ހަރަދު ކުރާ ގައުމަކަށް ރާއްޖެ ވެފައިވާ ކަމަށެވެ. އަދި މި ސަރުކާރަށް ދެ އަހަރު ވީއިރު އާމްދަނީ ލިބޭ ރަނގަޅު ކަމެއް ކުރާތަން ނުފެންނަ ކަމަށާއި، މިހާރު ހުށައަޅާފައިވާ ބަޖެޓަކީ އިގްތިސާދީގޮތުން ސިންދަފާތު ބަޖެޓެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށް މެމްބަރު ވިދާޅުވިއެވެ.

ހަމައެއާއެކު 206 މަޝްރޫއެއް 2.7 ބިލިއަން ރުފިޔާއަށް އަމިއްލަ ކުންފުނިތަކާ ހަވާލުކުރިއިރުވެސް ސަރުކާރަށް އާމްދަނީއެއް ވަންނާނެ އެއްވެސް ގޮތެއް އެކަމުގައި ނެތްކަމަށާއި، ސިޔާސީ ވަޒީފާތަކުގެ އަދަދު 3000 އިން މައްޗަށް ގޮސްފައިވާކަން ވެސް މެމްބަރު ކުޑޫ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ބަޖެޓުގައި މުޅިން ވެސް ހުރީ އަތުން ފައިސާ ދާނެ ގޮތްތައް ކަމަށާއި، މިއީ ދަރަނިވެފައި އޮތް ގައުމަކަށް ބަލާއިރު ނުރައްކާތެރިކަމެއް ކަމަށެވެ.

"ގުދުރަތީގޮތުން ރާއްޖެ މިއޮތް ސަރަހައްދުގެ ބޭނުން ކޮންމެހެންވެސް ހިފަން ޖެހޭ، އަވަށްޓެރި ގައުމުތަކުން އެކަން ކުރާއިރު އަޅުގަނޑުމެން މިތިބެނީ އެކަން ބަލަން، އެކަކު އަނެކަކާ ދިމާލަން ހޯބޯ ލަވަން، ބޯޓު ބަނުމާއި ޑިޖިޓަލް އިކޮނޮމީ އަދި ޓްރާންސް ޝިޕްމަންޓް ބަނދަރު ހިންގުމާއި ޝިޕް ރިޕެއާ، އަވިން ހަކަތަ އުފައްދައިގެން، ދަނޑު ގޮވާން ކުރުމުން ފެށިގެން ރާއްޖެއަށް އިތުރު އާމްދަނީ އުފެއްދޭނެ ކިތަންމެ ގޮތެއް އެބަހުރި." މެމްބަރު މުހައްމަދު އިބްރާހީމް ވިދާޅުވިއެވެ.

ހަމައެއާއެކު މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ތިއްބެވި ބޭފުޅުންތަކެއް ކުރެއްވި ކަމަކުން ފަތުރުވެރިކަމަށް ލިބުނު ގެއްލުން އަދިވެސް ފޫ ނުބެއްދޭ ކަމަށާއި، މަސްވެރިކަމުގެ މުޅި ސިނާއަތް ވެސް އޮތީ ހަލާކުވެފައި ކަމަށާއި، ސިޔާސީ ބޭނުމަށް މިފްކޯއިން ކުރާ ކަންކަމުގެ ސަބަބުން އެ ދާއިރާ ކުރިއަރުވަން ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް ވެސް މެމްބަރު ކުޑޫ ވިދާޅުވިއެވެ.

އޭގެއިތުރުން ދައުލަތުން މުސާރަ ދޭން ޖެހޭ މީހުންގެ އަދަދު 75،000 އަށްވުރެ ގިނަކަން ފާހަގަކުރައްވައި، އެކަމާމެދު ވެސް މެންބަރު ކުޑޫ މިއަދު ކަންބޮޑުވުން ފާޅުކުރަށްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް