ހުޅުމާލޭ ފްލެޓްތަކެއް
ހުޅުމާލޭ ފްލެޓްތަކެއް
މި ސަރުކާރުން ހިންގާ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ދޫކުރާ ފުލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ އަހަރުގެ ޖެނުއަރީ ހަތަރުވަނަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ.

މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު ރޭ ރަސްމީކޮށް އިފްތިތާޙް ކޮށްފައިވާއިރު، ގޯއްޗާއި ފުލެޓު ދޫކުރާނެ އުސޫލު މިހާރު ވަނީ ގެޒެޓު ކޮށްފައެވެ.

އެކަމާގުޅިގެން ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މާލެ ސަރަހައްދުންނާއި އަލަށް ތަރައްޤީކުރާ ރަސްމާލެއިން ދޫކުރާ ގޯއްޗާއި ފުލެޓަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ ހަތަރުވަނަ ދުވަހުން ފެށިގެން އަންނަ މާޗް ތިންވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވޭނެ ކަމަށެވެ. މި އެޕްލިކޭޝަންތައް ހުށަހަޅަން ޖެހޭނީ www.hiyaavehi.gov.mv ޕޯޓަލް މެދުވެރިކޮށެވެ.

އޭގެ އިތުރުން މިނިސްޓްރީން ބުނެފައިވަނީ، އެޕްލިކޭޝަން ހުށަހެޅޭނީ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު" ނުވަތަ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލު" މި ދެ އުސޫލުގެ ތެރެއިން ކޮންމެވެސް އެއް އުސޫލެއްގެ ދަށުން ކަމަށެވެ. މީގެ ބޭނުމަކީ ކޮންމެ ފަރާތަކަށްވެސް އެއް ފުރުސަތަށްވުރެ ގިނަ ފުރުސަތު ހޯދުމުގެ ބަދަލުގައި އެއް ފުރުސަތު ދިނުމެވެ.

މި މަޝްރޫއުގެ ދަށުން ޖުމުލަ 7500 ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވާއިރު، މާލެ ރަށްވެހިންނަށް ވަނީ 4000 ފުލެޓު ހާއްސަކޮށްފައެވެ. މާލޭގައި ރަށްވެހިވެފައިނުވާ ނަމަވެސް މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1500 ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހާއްސަ ކެޓަގަރީތަކުގެ މީހުންނަށް ވެސް ފުލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގޯތީގެ އުސޫލުގެ ދަށުން 1250 އަކަފޫޓުގެ ޖުމުލަ 15000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10000 ގޯތި ހާއްސަކޮށްފައިވާއިރު، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3000 ގޯތި ވަނީ ހާއްސަކޮށްފައެވެ. މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1500 ގޯތި ހާއްސަކޮށްފައިވެއެވެ. މީގެ އިތުރުން، މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް 500 ގޯތި ވަނީ ހާއްސަކޮށްފައެވެ.

ގޯއްޗާއި ފްލެޓް ދޫކުރުމުގެ އަސާސީ ޝަރުޠުތަކާއި ޕޮއިންޓް ދިނުމުގެ އުޞޫލުތައްވެސް ސަރުކާރުން ޢާންމުކޮށްފައިވާއިރު މި އުޞޫލުތަކުގައި ކުރީގެ އުޞޫލުތަކުގައި ނުހިމެނޭ މުހިންމު ބަދަލުތަކެއް ހިމެނެެއެެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް