އިންތިޚާބެއްގެ ވޯޓުލުން ކުރިޔަށްދަނީ
އިންތިޚާބެއްގެ ވޯޓުލުން ކުރިޔަށްދަނީ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް އޮފިޝަލުން ހޯދުމަށް ޢިއުލާނު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވުމަށް 7000 އަށްވުރެ ގިނަ އޮފިޝަލުން ބޭނުންވާ ކަމަށެވެ.

ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އީސީގެ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އީސީން ބުނެފައިވެއެވެ. އެގޮތުން ވެރިފައިޑް އީ-ފާސް އެކައުންޓެއް މެދުވެރިކޮށް ޕޯޓަލްއަށް ލޮގިންވުމަށްފަހު، ޕޯޓަލްއަށް ލިޔެކިއުންތައް ހުށަހެޅުމަށް ބޭނުންކުރެވޭނީ ހަމައެކަނި ޕީ.ޑީ.އެފް ފައިލްއެވެ.

އިންތިޚާބުގެ އޮފިޝަލަކަށްވުމަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު ހާސިލްކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ، ވަނަވަރު އަދި ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އީސީން ވަނީ އެދިފައެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ޢުމުރުން 18 އަހަރުވެފައިވާ މީހެއްކަމުގައިވުމާއި، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުމާއި، އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރެއް ކަމުގައި ނުވުމާއި ކެންޑިޑޭޓެއްގެ މަންދޫބެއް، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ކުރިމަތިލައި ފައިވާ މީހަކު ކަމުގައި ނުވުމާއި ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

އިންތިޚާބީ އޮފިޝަލުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސާ އޮފިޝަލަކަށް 2900 ރުފިޔާ ދޭއިރު، ވެރިޔާގެ އެހީތެރިއަކަށް ހަމަޖައްސާ އޮފިޝަލަކަށް 2600 ރުފިޔާ ލިބޭނެއެވެ. އަދި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އެހެން އޮފިޝަލުންނަށް 2300 ރުފިޔާ ދޭއިރު، ގުނާ އޮފިޝަލަކަށް ހަރަކާތްތެރިވާ ފަރާތަކަށް 1800 ރުފިޔާ ލިބޭނެއެވެ. އަދި ރިޒާވް އޮފިޝަލުންނަށް 1000 ރުފިޔާ އެލަވަންސެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، މަސައްކަތްކުރާ ގަޑިތަކަށްބަލާ ކެއުމާއި ސައިގެ އެލަވަންސް އަދި އިތުރުގަޑީގައި ފައިސާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އީސީން ބުނީ އޮފިޝަލުންގެ ގޮތުގައި ޝައުޤުވެރިވާ ފަރާތްތަކުން 2025 ޑިސެންބަރު 21 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް