ތަފާތު އެކި ކުށްތައް ކުރާ މީހުންގެ މައްސަލަތައް ބެލުމުގައާއި، މައްސަލަތަކުގައި ޒިންމާ ވުމުގައި ކުށް ކުރާ މީހުންނާއި، އެކުށް ކުރުވާ މީހުން އެއްވަރަކަށް ޒިންމާވާންޖެހޭ ކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު އަޙްމަދު ޒިޔާދުގެ މައްޗަށް ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އުފުލައި، އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަން ހާމަކުރައްވައި ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގައި ކުށްތައް ކުރާ މީހުން ދެނެގަނެވި އަދަބު ދެވުނަސް ކުށްތައް ކުރުވަން ހިތްވަރުދޭ ފަރާތްތަކަށް އަދަބު ދެވޭ މަންޒަރު ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމާއި، ވަކިބަޔަކަށް ނާޖައިޒް ފައިދާ ހޯދައި ދިނުމަކީ ޤާނޫނީ ގޮތުން ބޮޑު ކުށަކަށްވާއިރު، އެފަދަ ކުށްތައް ކުރުމުގައި ޝާމިލުވާ އެންމެހާ ފަރާތްތައް ދެނެގަނެ، އެކަމެއްގައި ހުރިހާ ފަރާތެއްގެ ޒިންމާވެސް އެއްވަރު ވާންޖެހޭކަމަށް ޕީޖީ ޝަމީމު ވިދާޅުވިއެވެ.

"ކުށް ކުރާ މީހުންނާއި، ކުށް ކުރުވާ މީހުންނާ، މިދެބައިވެސް ހަމައަކަށް އަޅުވާންޖެހޭ. އެއްވަރަކަށް ޒިންމާވާންޖެހޭ. ކުރީގެ ބައެއް ވިސްނުން މިހާރު މިއުޅެނީ ދޫކޮށްލަން. މިކަހަލަ ކަންކަން ކޮށްފައި ސަލާމަތެއް ނުވެވޭނެ. އިރާދަކުރެއްވިއްޔާ، އެންމެން ގުޅިގެން ނަތީޖާ ނެރެވޭނެ." ޕީޖީ ޝަމީމް ވިދާޅުވި އެވެ.

ރާއްޖޭގައި މިފަހުގެ ތާރީޚެއްގައި ހިންގާފައިވާ ބޮޑު ޚިޔާނާތުގެ މުގުލުގައި ތިބިކަމަށް ތުހުމަތު ކުރެވޭ ކުރީގެ ނާބްރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ އެމްޑީ ޢަބްދުﷲ ޒިޔަތާއި އަދިވެސް އެޚިޔާނާތުގައި ތުހުމަތު ކުރެވޭ އިތުރު ބައެއްގެ ދިފާޢީ ވަކީލެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރަށްވައި އެމަސައްކަތަށް ބޮޑު އަގެއް ނަންގަވާފައިވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެމައްސަލަ ބާ ކައުންސިލަށް ވެސް ހުށައަޅުއްވާފައިވާ މިހާރުގެ ޕީޖީ ޝަމީމަކީ މިފަދަ މައްސަލަތައް ކޯޓަށް ހުށައެޅުއްވުމަށްފަހު އެފަދަ ގާނޫނީ ކަންކަމުގައި އެބޭފުޅާގެ އަމިއްލަ ވިސްނުންފުޅު ގެންގުޅުއްވާ ގޮތް ވަރަށް ގިނައިން މީސް މީޑިއާގައި ހިއްސާ ކުރަށްވާ ބޭފުޅެކެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ޒިކުރާ މިސްކިތުގެ 10 ބުރީގެ އިމާރާތް އެޅުމަށް ކޮށްފައިވާ މުޢާމަލާތުގެ އެކި މަރްޙަލާތަކުގައި ޑަބްލިއު އެންޑް އޭ އޯވަރސީސް ޕީޓީއީ ކިޔާ ކުންފުންޏަކާވެސް މުޢާމަލާތް ކޮށްފައިވާކަމަށެވެ. އަދި މިކަމުގެ ތެރޭގައި ޖިނާއީ ތަޙްޤީޤެއް ހިންގަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އެކުންފުނީގެ ބައެއް އިސްވެރިންގެ މައްސަލަ ތަހުޤީގުކުރުމަށް ފުލުހުންނަށް ހުށައެޅުމަށް އޭސީސީއަށް އަންގާފައިވާކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

މީގެއިތުރުން އިސްލާމިކް މިނިސްޓްރީން ޢާންމުކޮށްފައިނުވާ މަޢުލޫމާތުތަކެއް އެސް ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަން މައްސަލައިގެ ލިޔުންތަކުން އެނގެން އޮންނާތީ އެކަން ހިންގާފައިވާ ގޮތް އިތުރަށް ތަޙްޤީޤްކޮށް، އެކަމުގައި ޖިނާއީ ޒިންމާ އުފުލަންޖެހޭ ކަމެއް އޮތްކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމަށް ފުލުހުންނަށް ހުށައެޅުމަށްވެސް އޭސީސީއަށް ލަފާދީފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ޒިޔާދުގެ މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން ޒިކުރާ މިސްކިތުގައި "ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރީގެ އިމާރާތެއް އަޅަން އެސްޖޭ ކޮންސްޓަރަކްޝަނާއި ހަވާލުކުރީ 2018 ވަނަ އަހަރުއެވެ. ކޮންޓްރެކްޓް ފައިނޭންސް އުސޫލުން މި މަސައްކަތް ހަވާލުކޮށްފައިވަނީ 130 މިލިއަން ރުފިޔާއަށެވެ. އަދި އިކުއިޓީގެ ގޮތުގައި 30 މިލިއަން ސަރުކާރުން ދިނުމަށްވެސް ވަނީ ނިންމާފައެވެ. މި އެއްބަސްވުމުގައި ވާ ގޮތުން މަސައްކަތް ނިމުމަށްފަހު އިމާރާތުގެ 7 ފްލޯ 10 އަހަރު ދުވަހުގެ މުއްދަތަށް އެސްޖޭ ކޮންސްޓަރަކްޝަނަށް ދޭންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން