ރައީސް މުޢިއްޒުގެ ސަރުކާރަކީ މިހާތަނަށް ރާއްޖެ ދުށް އެންމެ ޒިންމާދާރުކަން ކުޑަ ސަރުކާރު ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ، ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް ދެއަހަރު ފުރުމާއި ގުޅިގެން ރޭ ރާއްޖޭގެ މީީޑިއާއެއްގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވީ، ސަރުކާރުން ހިންގާ ކޮންމެ ކަމެއްގައިވެސް ރައްޔިތުންގެ ފައިސާއިން ބޮޑެތި އިސްރާފުތައް ކުރަމުންދާ ކަމަށާއި އެކަމުގެ ފަހަތުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ރައްޔިތުން ތުހުމަތު ކުރާކަމަށެވެ.

އަދި މި ތުހުމަތުތަކުން ސަލާމަތްވެ، އެއްކިބާ ވާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާ، ރައީސް މުޢިއްޒު ދައުލަތުގެ ފައިސާ ހަރަދު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ދިމްޔާތު ފައިސާހެން ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

"އަޅުގަނޑު މިހާ ހިސާބަށް ހަމަ ދުށް އެންމެ ޒިއްމާދާރުކަން ކުޑަ ސަރުކާރޭ އަޅުގަނޑަށް ދެންނެވޭނީ. ރައްޔިތުންގެ އެއްޗެއްކަން ރައްޔިތުންނަށް ހިޔާނާތްތެރިކަން މި ވެވެނީ. ހަމަ ރީއްޗަށް އެނގިގެން ތިބެގެން އެގޮތަށް އެ ކަންކަން ކުރައްވާތީ. އެ ޝައްކުވެސް އަޅުގަނޑުމެން އެއިން އެއްކިބާ ވާންޖެހޭނެ ސަރުކާރުގަ ތިބޭއިރު" ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަން ވެސް ކުރެއްވި މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވަނީ ދެން ބާކީ އޮތް ތިން އަހަރުވެސް ރައްޔިތުންނަށް ކަމެއް ކޮށްދެވޭތޯ މަސައްކަތް ކުރެއްވުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އަދި ވޭތުވެ މި ދެ އަހަރު ދުވަހަކީ ދުވަހަކުވެސް މިރާއްޖޭގައި ނުދެކޭ ގޮތަށް ހުރިހާ ގޮތަކުން ރައްޔިތުންނަށް ދަތި އުނދަގޫ، އަބަދު ކަންބޮޑުވެފައި ތިބެންޖެހުނު ދެ އަހަރު ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"އެންމެ ކުޑަވެގެން ގައުމުގެ އިޤްތިޞާދު، ޑޮލަރު ލިބުމުގެ ދަތިތައް. ދެން ދައްކާނެ ކަމެއް ނެތް. ކޮންމެ ދިމާލެއް ބަލާލިޔަސް އޮތީ ހަމަ ރައްޔިތުންގެ ކަންބޮޑުވުން." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، ޓީވީތަކުން މިހާރު ދައްކާ ބައެއް ޕްރޮގުރާމްތަކުގައި އެ ދައްކަނީ ހަމަ ރައްޔިތުންގެ އިޙްސާސްތައް ކަމަށެވެ. އެއީ މީހަކު ބުނެގެން ލިޔެފައި ކަރުދާސްކޮޅެއްގައި ލިޔެފައި ބުނެގެން ދައްކާ ވާހަކައެއް ނޫން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންނަށް ހެޔޮ އެދޭ، ރައްޔިތުންނަށް ކަމެއް ކޮށްދެވޭތޯ މިއަންނަ ތިން އަހަރު ދުވަހުވެސް ސަރުކާރުން ބަލައި ދިނުމަށް މާރިޔާ އެދިވަޑައިގެންނެވިއެވެ.

އޭގެއިތުރުން މާރިޔާ ވިދާޅުވީ، މިދިޔަ ދެއަހަރު ދުވަހު އެކަންކަން އެގޮތަށް ނުހިނގާތަން ފެނިފައިވަނީ ހަމަ ހުސް ރައްޔިތުން އިނގިލި ދިއްކުރާ ގޮތަށް ކަންކަން ވެފައި ހުރުމުން ކަމަށެވެ. އަދި ހަމަހަމަކަންވެސް ގެނެސްދެއްވައި، ރައްޔިތުންނަށް ދައްކަވާ ވާހަކައާ އަމަލާ ދިމާވާނެ ކޮންމެވެސް ގޮތެއް ހައްދަވާ ދެއްވުމަށްވެސް މާރިޔާ ސަރުކާރަށް ގޮވާލެއްވިއެވެ.

ހަމައެއާއެކު މާރިޔާ ވިދާޅުވީ 110 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްވި ނަމަވެސް އެފައިސާއިން ރައްޔިތަކަށް ވީ ކަމެއް ނެތް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް