ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހިންގުމަށް ވަކި މިނިސްޓްރީއެއް އުފައްދައި އެމިނިސްޓްރީއަށް މިނިސްޓަރަކު އައްޔަންކޮށްފައި ވީނަމަވެސް އެއީ ގޮނޑިހޫނުކުރާ މަޤާމެއްކަމަށާއި، ހުރިހާ ބާރެއް އޮތީ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލަށް ކަމުގައި ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް (ސައިރެކްސް ޝަރީފް) ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން މީޑީޔާއަކަށް ދެއްވި އިންޓަރވިއުއެއްގައި، ދިވެހި ފަތުރުވެރިކަމުގެ ސިނާޢަތުގެ ވެރިންނަކީ ދިވެހިންނަށް ހެދުމަކީ އަމާޒެއް ކަމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެ ދެއްކެވި ވާހަތަކަށް ރަށްދު ދެއްވަމުން ޝަރީފް ވިދާޅުވީ ފަތުރުވެރި ކަމުގެ ދާއިރާގެ ވެރިންނަށް ދިވެހިން ކަނޑަނޭޅެނީ އިހުލާސްތެރިކަން ނެތުމުންކަމަށެވެ. ދިވެހިންގެ ތެރޭގައި ތައުލީމީ ޤާބިލު އެތައް ބަޔަކު ތިއްބައި ދިވެހި ރިސޯޓްތަކުގެ ބޮޑެތި މަޤާމުތަކަށް މީހުން ހޯދުމަށް ދުނިޔޭގެ މާކެޓަށް ހުޅުވާލުމަކީ ދިވެހިންނަށް ފުރުސަތު ބަންދުކުރުމަށް ކުރާކަމެއްކަމުގައި ވެސް ޝަރީފު ތުހުމަތު ކުރެއްވިއެވެ.

"ކިޔަވައިގެން ޒުވާނުން ނެތިގެން، ތަމްރީން ނުލިބި ތިބެގެނެއް ނޫން، ދިވެހިން ފަތުރުވެރިކަމުގެ ވެރިންނަށްނުވަނީ. ރިސޯޓްގެ ހުރިހާ ދޮރެއް މުޅި ދުނިޔޭގައި ވަޒީފާ ބޭނުންނުވާ އާބާދީ އަށް ހުޅުވާލައި، ދެންކޮން ދިވެއްސަކަށް ފުރުސަތު ލިބޭނީ. އުސޫލު ބަދަލުކުރަށްވާ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މިއަދު ހިންގަމުންދަނީ ބާރުތަކާއި މަސްއޫލިއްޔަތު ކަނޑައަޅާނެ މީހަކު އައްޔަން ކުރުމަށްފަހު އެމީހާގެ މަތިން އިތުރު ލޭޔަރެއް އުފައްދައިގެން އެލޭޔަރުން ކަމަށެވެ. މިއަދު ޓުވަރިޒަމް މިނިސްޓަރަކަށް ހުންނެވި ބޭފުޅަކީ އެއްވެސް ބާރެއް ނެތް އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރާ މީހަކަށް ވެފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"މިހާރު ޓުވަރިޒަމް ޤާނޫނު އޮތް ގޮތުން ޓުވަރިޒަމް މިނިސްޓަރަކީ އެޑްމިނިސްޓްރޭޓާއެއް. އެއްވެސް ބާރެއް ނެތް ގޮޑިއެއް ފުރުއްވާ ބޭފުޅެއް. ހުރިހާ ބާރެއްވަނީ ރައީސް އޮފީހުގެ އިކޮމިކް ކައުންސިލްގައި. ޑިމޮކްރަސީ ކިޔަސް އިޤްތިޞާދު އޮތީ ސަރުކާރު މުށުތެރޭގައި ހިލިހިލާ ޖަހާފައި." ޝަރީފް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދުވަހުގެ ޝިޔާރު ކަމަށްވާ "ފަތުރުވެރިކަމާއި ރަށްރަށުގެ ތަރައްޤީ" އަށް އަލި އަޅުވާލައި މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ މި ޝިޢާރަކީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙްގެ ރިޔާސީ ވައުދުތަކާއި ވަރަށް ގުޅޭ ޝިއާރަކަށް ވާއިރު މިކަން ހާސިލް ކުރެވޭނީ މިދާއިރާއާއި ގުޅުންހުރި ދާއިރާތަކުން ފުރިހަމައަށް މިކަމުގެ ތެރެއަށް ވަދެވިގެން ކަމަށެވެ.

އެގޮތުން މިނިސްޓަރު ވަނީ ގެސްޓްހައުސްތަކާއި، ރެސްޓޯރަންޓްތަކާއި، ސަފާރީތަކާއި، ދަނޑުވެރިންނާއި، ފަންނާނުންނާއި އަދި ދާއިރާއާއި ގުޅުންހުރި ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ ރަށްތަކަށް ވެސް މިކަމުން މަންފާ ލިބި ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގު ފަހި ވެގެންދާނެ ކަމެއް ކަން ފާހަގަ ކުރަށްވާފައެވެ.

މިނިސްޓަރގެ މިވާހަތަކާއި ގުޅިގެން ޝަރީފް ވިދާޅުވީ ޓުވަރިޒަމް ދުވަހުގެ މުނާސަބަތާއި ދިމާކޮށް އެއިރެއްގައި ހުންނަވާ ވަޒީރަކު ސަރުކާރުގެ ސިޔާސަތުތައް ދިފާއުކޮށް ވާހަކަ ދެއްކުމަކުން މައްސަލަތަކަށް ހައްލު ނުލިބޭނެކަމަށެވެ.

"ދުނިޔޭގެ ޓުވަރިޒަމް ދުވަސް ފާހަގަކުރާ ކޮންމެ އަހަރަކު ރާއްޖޭގެ ޓުވަރިޒަމް މިނިސްޓަރާއި، ޓުވަރިޒަމްގެ ވެރިން މޮޅުވާހަކަ ދައްކާނެ. އެކަމަކު އެއިން އެއްވެސް ވާހަކައަކަށް އަމަލުކޮށްފައި ނެތް. ޓުވަރިޒަމް ޤާނޫނާއި، ޚިލާފަށް ޖޫރިމަނާ ކުރުމާއި، ފައިސާނެގުން ނޫން ކަމެއް ނުކުރޭ. ފަތުރުވެރިކަމަށް ރަށެއް، ފަޅެއް، ބިމެއް، ބިމުން ބައެއް، ދޭންޖެހެނީ އެޑްވާންސްކޮށް ފައިސާ ނަގައިގެނެއް ނޫން. ރާއްޖޭގައި މިހާރު ގިނަކުރަންޖެހެނީ ޗާޓާ މާކެޓްގެ އެނދުތަކެއް. އެފަދަ ޕްރޮޖެކްޓްތަކަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދޭންވީ، އިކުއިޓީބައި ހަމަޖައްސަން." ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އުފައްދައި ތަރައްގީ ކުރީވެސް ދިވެހިންކަމަށެވެ. އެކަމަކު ސަރުކާރަށް ފަތުރުވެރިކަމުގެ ފައިދާ ބޮޑުކަން ވިސްނުނު ހިސާބުން، ދިވެހިންނަށް ފަތުރުވެރިކަމުގެ ވެރިކަމަށް ނާދެވޭ ގޮތަށް މަޅިފަތި ޖަހަމުންގޮސް ފަތުރުވެރިކަން އަތުން ދޫވެގެން ދާތަން މިއަދު ފެންނަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

"ސަރުކާރުގެ ބައެއް ވެރިންނަށް ހީވެފައި އޮންނަނީ ދިވެހިން ކުރިއަރައިގެން ދިއުމަކީ ސަރުކާރު ކޮންޓްރޯކުރާ މީހުންނަށް ހުރި ނުރައްކަލެއް ކަމަށް. އެހެންވެ ބޭރު މީހުންގެ އަތުގައި ހިފައިގެން ދިވެހިންގެ ފަތުރުވެރިކަން އެމީހުންނާއި ހަވާލު ކުރަމުން ގެންދަނީ." ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ދިވެހި ފަތުރުވެރިކަން ދިވެހިންގެ އަތުން ގެއްލެންފެށީ ރިސޯޓެއް ހަދަން ރަށެއް ދިނުމުގެ ކުރިން ސީއެސްއާރުގެ ނަމުގައި ރަށުގެ ބޮޑުމިނަށް އެޑްވާންސް ފައިސާ ނަގަން ފެށިފަހުން ކަމަށެވެ. އެފައިސާ ނަގަމުން އައީ ސަރުކާރުގެ މުވައްޒިފުންނަށް މުސާރަ ދިނުމަށް ކަމުގައި ޝަރީފު ވިދާޅުވިއެވެ. ރާއްޖޭގެ ފަތުރުވެރިކަން ޓުވަރިޒަމްގެ މާސްޓަ ޕްލޭނާއި އެއްގޮތަށް ދިޔަނަމަ މިހާރު ދިމާވެގެން އުޅޭ މައްސަލަ ދިމާނުވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި މިހާރުގެ ހާލަތު އޮތްގޮތަށް ރިސޯޓްހަދަން ބިމާއި، ފަޅާއި އަދި ރަށްތައްދިނުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި އޮތުމަކީ ބޮޑު ގޯހެއްކަމަށް ޝަރީފް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


2

ކިނބޫ

29-Sep-2020

ތިބާމެނަށް ރަނގަޅުވި ގޮތް. ރުޅިއަރުވަން ނޫޅެ އަނގަ މަޑުކޮށްގެން ހުރޭ.


2

ހަސަނު

29-Sep-2020

މިޝަރީފަކީ ކިހާވަރަކަށް ޓުއަރިޒަމް އެނގޭ މީހެއްތަ. މީނާގެ ކޮލެޖްގައި މުޅިންވެސް ކިޔަވައި ދެއްވަނީ ޓުއަރިޒަމްތަ؟



ޓްރެންޑިން