(އެންޑީއޭ) ގެ ސީއީއޯގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި ހަސަން ޝަހީލް
(އެންޑީއޭ) ގެ ސީއީއޯގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި ހަސަން ޝަހީލް
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމުން ހަސަން ޝަހީލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެންޑީއޭގެ ބޯޑުގެ ޗެއާމަން އަބްދުލް ހަމީދަށް ފޮނުއްވި ސިޓީއެއްގައި ހަސަން ޝަހީލް ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް، ބަޔަކު އަޑީގައި ތިބެގެން އަބުރު ކަތިލައި އިންޒާރު ދެމުންދާތީ ކަމަށެވެ. އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ނުވަތަ ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށާއި ގާނޫނާ ހިލާފަށް ކަމެއް ކޮށްފައިނުވާނެ ކަމަށް ޝަހީލްގެ ސިޓީގައިވެއެވެ.

ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ، އަދި އެކަމަށް ދެވި ހިފާފައި ތިބި ބައެއް މީހުން މެދުވެރިކޮށް މިހާރު ސީދާ އޭނާއަށް އަމާޒުކޮށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ޝަހީލް ވިދާޅުވި އެވެ. އެގޮތުން ސޯޝަލް މީޑިއާގައި ސާބިތު ނުހިފޭ ހުތުރު ވާހަކަތައް ފަތުރައި ބަދުނާމުކޮށް ފުރައްސާރަކުރުމާއި މަގުމަތިން ދިމާކޮށް އިންޒާރު ދީފައިވާ ކަމަށް ވެސް ޝަހީލްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

"މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް ކޮންމެވެސް ނުފޫޒެއް އޮތްބަޔަކު ފޮރުވިފައި ތިބެގެން އެބައެއްގެ މަގުސަދުތަކެއް މިހާރު ހާސިލްކުރުމަށްޓަކައި އަޅުގަނޑުގެ އަބުރު ކަތިލައި އަދި އިންޒާރު ދީ ހެދުމަކީ މިހާރު އަޅުގަނޑު މި މަގާމުގައި ހުންނަން ޖެހިލުންވާ ކަމެއްކަމުގައި ދަންނަވަމެވެ." ޝަހީލްގެ ސިޓީގައިވެއެވެ.

އަދި މަގާމުން ދުރުކޮށް އެ ބަޔަކު ބޭނުންވާ މަގުސަދު ހާސިލްކުރުމަށް އެފަދަ ބަޔަކު ބޭނުންކޮށްގެން ކޮންމެ ފަދަ ނުރައްކަލެއް ވެސް ކުރިމަތިކޮށްފާނެ ކަމަށް ބެލެވޭ ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ އެމީހުން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ މަސައްކަތް ކުރުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ އެންޑީއޭގެ ސީއިއޯއަކަށް ޝަހީލް ހަމަޖެއްސެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސެޕްޓެމްބަރު 2014 ގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން