ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދު ﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދު ﷲ މައުސޫމް
"މޯލްޑިވްސް ބޯޑާ މައިލްސް" ޕްރޮގުރާމްގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދު ﷲ މައުސޫމް ރޭ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ޕްރޮގްރާމް ތައާރަފްކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. ބޯޑާ މައިލްސް ޕްރޮގްރާމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ޕޮއިންޓް ލިބި، ގިނަ އިނާމުތަކެއް ލިބޭގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ޕޮއިންޓް ލިބޭ ތިން ދަރަޖައެއް މިރޭ ވަނީ ތައާރަފު ކޮށްފަ އެވެ. އެއީ "އައިދަ" (ލޯ ދަރަޖަ) އާއި "އަންތަރަ" (ރިހި ދަރަޖަ) އަދި "އަބާރަނަ" (ރަން ދަރަޖަ) އެވެ.

މި ޕްރޮގުރާމް އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދު ﷲ މައުސޫމް ވިދާޅުވީ، މި ޕްރޮގުރާމްގެ ސަބަބުން ރާއްޖެ އަށް އެއްފަހަރަށް ވުރެ ގިނައިން އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ސިނާޢަތުގެ ހަޤީޤީ ނަފާ ދިވެހިންނަށް ލިބޭނީ ސިނާޢަތުގެ މަތީ މަޤާމުތަކަށް ދިވެހިން ގެނެސްގެންކަމަށާއި، ސިނާޢަތާއި ގުޅިލާމެހިފައިވާ އިތުރު ދާއިރާތައްވެސް ފުޅާކޮށްގެންކަމަށް މިނިސްޓަރ މަޢުޞޫމް ވިދާޅުވިއެވެ.

"ފަތުރުވެރިކަމުގެ ސިނާޢަތުގެ ހަޤީޤީ ނަފާ ލިބޭނީރަށްރަށުގެ ކުދި ހޮޓާތަކާއި ގެސްޓް ހައުސްތައް އަދި ރާއްޖޭގެ އެހެން ޓޫރިސްޓް ޚިދުމަތްދޭ ތަންތަން ފައިދާއެއް ލިބޭގޮތަށް ހިނގައިގަނެގެން. ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން އަދާކުރާ ހިތްވާ ބޮޑެތި މުސާރަ ލިބޭ ވަޒީފާތައް ދިވެހިންނަށް ލިބިގެން." މިނިސްޓަރު ވިދާޅުވިއެވެ.

އަދި ސިނާޢަތް ކުރިއަރުވާ ޤައުމުގެ އިޤްތިޞާދު ހިންގުމަށް ކުރާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބެމުންދާކަމަށާ، 2021 ވަަނަ އަހަރާ ރާއްޖެއިން ކުރިމަތިލާނީ ކުރިއެރުންތަކަކާއެކު ކަމަށާއި، އިތުރު ކާމިޔާބީތަކެއް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރ މައުސޫމްވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވީ، މި ޕްރޮގްރާމް ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"މި ޒަމާނުގައި މި ސިނާޢަތް ކުރިއެރުވޭނީ އެންމެން އެއް ވިސްނުމެއް ގެންގުޅެގެން. އެއީ ޓޫރިސްޓުންނަށް ހިނިތުންވުމާ އުފާވެރިކަމާއެކު މަރުހަބާ ކިޔައިގެން." އޭނާ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ދަށުން ޓޫރިސްޓް މީހާ ރާއްޖެ ޒިޔާރަތް ކުރާ ކޮންމެ ފަހަރަކު ޕޮއިންޓް ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގައި ކުރާ ތަޖުރިބާތައް ޕްރޮމޯޓު ކުރާ ވަރަކަށް ލިބޭ ޕޮއިންޓް އިތުރުވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. މިއީ ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން އިމިގްރޭޝަނުން އިސްނަގައިގެން ޓޫރިޒަމް ދާއިރާއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން