ކޮރަޕްޝަންގެ ތުހުމަތުގައި ދައުވާކުރަން ފޮނުވާފައިވާ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒިޔާދަކީ އިސްލާމްދީނަށް ގިނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ނަޒާހާތްތެރި ބޭފުޅެއް ކަމުގައި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް، ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވަނީ އިއްޔެގައެވެ.

ޑޮކްޓަރު އަޙްމަދު ޒިޔާދު މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒްގެ މަޤާމުގައި ހުންނެވިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްއާ ޚިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ޤާއިމުކޮށްފައިވާތީއާއި، އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަނަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން ދައުލަތަށް އެއްވެސް ފައިދާއެއް ނުލިބި އެސްޖޭ ކޮންސްޓްރަކްޝަނަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާތީ، ޑޮކްޓަރ އަޙްމަދު ޒިޔާދުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 513 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. މި ކުށް ސާބިތުވެއްޖެނަމަ ޒިޔާދުގެ މައްޗަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޒިޔާދުގެ މައްޗަށް މި ދައުވާ ކުރަން ފޮނުވުމާއި ގުޅިގެން އިސްލާމިކް މިނިސްޓަރގެ މަގާމު ކުރިން ފުރިއްވާފައިވާ ޑރ. ޝަހީމް ވަނީ ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އޭނާއަށް ކާމިޔާބަށް އެދިވަޑައިގެންފައެވެ. އަދި ޒިޔާދަކީ އިސްލާމީ އިލްމު އުގެނިގެން ހުންނެވި، ދީނަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ނަޒާހާތްތެރި ބޭފުޅެއްކަމަށެވެ.

"ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ އަޙުމަދު ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި އެމަނިކުފާނަށް ކާމިޔާބު ދެެއްވުން އެދި ދުޢާކުރަން. އަޅުގަނޑު އަބަދުވެސް ދެކެނީ އެމަނިކުފާނަކީ ނަޒާހަތްތެރި، ޢިލްމީ، އަދި އިސްލާމްދީނަށް ގިނަ ޚިދުމަތްތަކެއް ކުރައްވަމުންގެންދަވާ ބޭފުޅެއްގެ ގޮތުގައި." ޝަހީމް ވިދާޅުވި އެވެ.

ޒިޔާދު އިސްލާމިކް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން ޒިކުރާ މިސްކިތް ހުރި ބިމުގައި "ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރީގެ އިމާރާތެއް އަޅަން އެސްޖޭ ކޮންސްޓަރަކްޝަނާއި ހަވާލުކުރީ 2018 ވަނަ އަހަރުއެވެ. ކޮންޓްރެކްޓް ފައިނޭންސް އުސޫލުން މި މަސައްކަތް ހަވާލުކޮށްފައިވަނީ 130 މިލިއަން ރުފިޔާއަށެވެ. އަދި އިކުއިޓީގެ ގޮތުގައި 30 މިލިއަން ސަރުކާރުން ދިނުމަށްވެސް ވަނީ ނިންމާފައެވެ. މި އެއްބަސްވުމުގައި ވާ ގޮތުން މަސައްކަތް ނިމުމަށްފަހު އިމާރާތުގެ 7 ފްލޯ 10 އަހަރު ދުވަހުގެ މުއްދަތަށް އެސްޖޭ ކޮންސްޓަރަކްޝަނަށް ދޭންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން