އަހުމަދު މަސްނޫމް   28 ސެޕްޓެމްބަރު 2020 - 13:33
ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލްކުރުމަށް އެކުލަވާލާފައިވާ ކަރަންޓީންކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތާއި ބެހޭ އުސޫލަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ނަޝީދު (ބޮންޑޭ) ފާޑުވިދާޅުވެއްޖެ އެވެ.

ކޯވިޑް-19އާއި ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ޢާއްމުކޮށްފައިވާ ދަތުރުފަތުރު ކުރާ ފަރާތްތަކުން ކަރަންޓީންކުރުމުގައި ޢަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުގައި ވަނީ ގެސްޓްހައުސް ހުންނަ ރަށްތަކަކީ ދުނިޔޭގެ އެކި ހިސާބުތަކުން ފަތުރުވެރިން މެދުނުކެނޑި އަންނަ ރަށްރަށްކަމަށްވާތީ ކޯވިޑް-19 ފެތުރުމުގެ ފުރުސަތު އޮތްކަމަށެވެ. އަދި ގެސްޓް ހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަކީ ރަށްރަށުގެ ޢާއްމުންނާއި ގިނައިން ދިމާވާނެ ބަޔަކަށްވާތީ ރަށްރަށުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށެވެ. އެހެންކަމުން ގެސްޓްހައުސް ހިންގާ ރަށްރަށުގެ މީހުން އެހެން ރަށަކަށްދާނަމަ މިހާރުވެސް ޢަމަލުކުރަމުން އަންނަ އެޗްޕީއޭއިން ޢާއްމުކޮށްފައިވާ "ރަށްރަށުގައި ގޭގައި ކަރަންޓީންވުމުގައި ޢަމަލުކުރަންވީ އުސޫލު"ގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މިއުސޫލަށް ފާޑުވިދާޅުވެ ބޮންޑޭ ވިދާޅުވީ ރާއްޖެއަށް އެތެރެވެވެނީ ކޯވިޑް 19 އަށް ޓެސްޓްކޮށް ނަތީޖާލިބި، ނަތީޖާ ނެގެޓިވްވާ މީހުންނަށް އެކަނި ކަމަށްވާއިރު ރަށް ފުށުގައި ގެސްޓު ހައުސް ހިންގާ މީހުން، ކައިރި އެހެން ރަށްތަކަށްދާ ކޮންމެ ފަހަރަކު 14 ދުވަހު ކަރަންޓީންވުމަށް ނިންމާފައިވާ ނިންމުމަކީ އެއްވެސް ސަބަބެއް އޮތް ކަމެއް ނޫންކަމަށެވެ.

"ރާއްޖެ އެތެރެވެވެނީ ކޮވިޑް-19 ގެ ޓެސްޓު ނެގެޓިވްވެ ބަލިނެތްކަން ކަށަވަރުވެފައިވާ ޓޫރިސްޓުންނަށް އެކަނި. އެކަހެރި ރަށު ވަލުތެރޭ ހޭޅިފަށުގައި ގެސްޓު ހައުސް ހިންގާ ރަށް ރަށުން އެހެން ރަށަށް ދާ މީހުން ކަރަންޓީނު ވާންޖެހޭ ސަބަބެއްނެތް." އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވި އެވެ.

ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާއިރު ކަރަންޓީން ވާންޖެހޭ އުސޫލު އެކުލަވާލާފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ މަޝްވަރާގެ މަތިންކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އަލަށް އެކުލަވާލި މިއުސޫލާއެކު ބައެއް ފަރާތްތަކުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ޓޫރިޒަމަށް ބަރޯސާވާ ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް މިއުސޫލު ބަދަލުކުރަންޖެހޭކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މީގެއިތުރުން ރާއްޖޭގެ ގިނަ ރަށްރަށަކީ ގެސްޓް ހައުސް ވިޔަފާރި އޮންނަ ރަށްރަށްކަން ފާހަގަކޮށް ބައެއް ފަރާތްތަކުންވަނީ އެފަދަ ރަށެއްގައި މެޑިކަލް އެމަރޖެންސީގެ ޙާލަތުގައިވެސް ކަރަންޓީން ވާންޖެހޭތޯ ސުވާލު އުފައްދާފައެވެ.

ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ދަތުރުފަތުރުކުރުމުގައި ކަރަންޓީނުކުރުމާއި ކަރަންޓީން ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލަށް ބަދަލުގެނެސްފައިމިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ގެސްޓްހައުސްތައް ހުޅުވުމަށް ހުއްދަ ދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވަނީ ކޮމިއުނިޓީ ސްޕްރެޑް ނެތް ރަށްރަށުގައިކަމަށް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން