ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން 2018 ވަނަ އަހަރު ރަހީނު ކުރި މައްސަލަ ވީހާވެސް އަވަހަކަށް ބައްލަވައި ދެއްވުމަށް އިލްހާމް އެދިވަޑައިގެންފި އެވެ.

އިލްހާމްގެ އަނބިކަނބަލުން އައިމިނަތު މާޝާ ހައްޔަރުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގައެވެ. އިލްހާމްގެ އަނބިކަނބަލުން ހައްޔަރުކުރީ، އޭރު ފުލުހުން އިލްހާމް ހޯދުމަށް ކުރަމުންދިޔަ މަސައްކަތަށް ކުރިއެރުން ނުލިބުމުންނެވެ. އިލްހާމްގެ އަނބިކަނބަލުން ފުލުހުން ދޫކޮށްލާފައިވަނީ އެރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި އޭގެ އަނެއް ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ވެސް ވަނީ އަންގާފައެވެ.

"11 ފެބުރުއެރީ 2018 ގައި އަޅުގަނޑުގެ އަންހެނުން (އައިމިނަތު މާޝާ ހަސަން - ނ. ވެލިދޫ / ކާމިނީގެ) ރަހީނުކުރި މައްސަލަ އަވަހަށް ބައްލަވާ ދެއްވާ." ޕީޖީ ޝާމީމްއާއި، ފުލުހުން ޓެގްކޮށް އިލްހާމް ކުރެއްވި ޓްވީޓްގައި ވެއެވެ.

ފުލުހުން އޭރު ބުނީ އިލްހާމް ހޯދީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށްޓަކައި ރިޝްވަތު ދީ އަދި ރިޝްވަތު ހިފި މައްސަލައިގެ ތަހުގީގަށް ކަމަށެވެ. އެ މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއެކު ގިނަ ސިޔާސީ ބަޔަކުވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބަލާ މައްސަަލައެއްގެ ތަހުގީގުގެ ބޭނުމަށް ކަމަށް ބުނެ ހޯދަން އިއުލާން ކޮށްފައިވާ އިލްހާމް އަހުމަދު އެންމެ ފަހުން ޖެހިގެންއައި ދުވަހު ވަނީ އަމިއްލަ އަށް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންފައެވެ.

އިލްހާމްގެ އަންހެނުން އޭރު ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށެވެ. ނަމަވެސް އެހާލަތުގައިވެސް މީހުން ހައްޔަރުކުރުމާ ބެހޭ އިޖުރާއަތްތަކާ ބެހޭ ގާނޫނުތައް ސަސްޕެންޑްކޮށްފައި އޮތުމަކީ ހިތަށް އެރިހާ މީހަކު ހައްޔަރު ކުރުމަށް ބާރު ލިބޭ ކަމެއް ނޫންކަމަށް މާޝާގެ ޤާނޫނީ ވަކީލުންވަނީ ވިދާޅުވެފައެވެ. އަދި ގާނޫނުއަސާސީގައި، އެއްވެސް މީހަކު ކުރި ކުށަކާ ގުޅިގެން އަނެކުންގެ ހައްގަށް އަރައި ނުގަނެވޭނެ ކަމަށް ބަޔާން ކޮށްފައި އޮންނާނެކަމަށް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން