ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ރާއްޖޭގައި ކީރިތި ޤުރުއާނާއިބެހޭ މަސައްކަތްތައް ވަޅުޖެހި އެކަންކަން ހުއްޓެމުންދާ މަންޒަރު ފެންނަމުންދާކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއަހަަރުގެ ޤައުމީ ޤުރުއާން މުބާރާތް އޮންލައިންކޮށް ކުރިއަށް ގެންދިއުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ކަމާބެހޭ ފަރާތްތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ޚަބަރު ޓެގްކުރައްވައި ޑރ. ޝަހީމް ވިދާޅުވީ ޤުރުއާނާއިބެހޭ މަސައްކަތްތައް ރާއްޖޭގައި ވަރަށްބޮޑަށް ވަޅުޖެހެމުންދާ ކަމަށެވެ. މީގެ ކުރިން އެކި ސަރުކާރުތަކުން ޤުރުއާނާއިބެހޭ މަސައްކަތްތައްކޮށް ކުރިއެރުވުމަށް ކުރެވިދިޔަ މަސައްކަތްތައް މިއަދު ނުކުރެވި ވަޅުޖެހެމުންދާކަމީ ހިތާމަހުރި ކަމެއްކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"ޤުރުއާނާއި ބެހޭ މަސައްކަތްތައް ރާއްޖޭގައި މިހާރުވަނީ ވަރަށްބޮޑަށް ބަލިކަށިވެފަ. ހާފިޒުން އުފެއްދުމުގެ ހަރަކާތްތަކަށް ވަނީ ލޮޅުން އަރާފަ. ރާއްޖެތެރޭގައި ގެންދިޔަ އެކިއެކި ޤުރުއާން ޕްރޮގުރާމްތައް ވަނީ ހުއްޓިފަ. ޤުރުއާންގެ އިލްމު ފެތުރުމުގެ ކަންކަން ވަރުގަދަ ކުރަންޖެހޭ." ޑރ.ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމްމީގެ ކުރިން ވަނީ ރާއްޖޭގައި ބާއްވަމުންދާ އަދި ބައިނަލް އަގުވާމީ ގޮތުން ބާއްވަމުންދާ މުބާރާތްތައްވެސް މިހާރު ނުބާއްވާތީ އެކަމާއި ހިތާމަކުރައްވާކަމަށް ވިދާޅުވެފައެވެ. މިކަންކަމަކީ ސަރުކާރުން އިސްނަގައިގެން އަލުން އިޔާދަކޮށް ދިރުވަންޖެހޭ ކަންތައްތަކެއްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

"އިންޓަރނޭޝަނަލް ޤުރުއާން މުބާރާތްވެސް މިދިޔަ އަހަރު ނުބާއްވާ، (ޕީއެސްއެމް އަލި ގަދަތަރި) މުބާރާތްވެސް ނުބާއްވާ! މިފަދަ ކިތަންމެ ހެޔޮކަމެއް ވަނީ ވަޅުޖެހިފަ" ޑރ.ޝަހީމް ވިދާޅުވިއެވެ.

ކޮންމެ އަހަރަކު ބާއްވަމުން އައި ގުރުއާން މުބާރާތްތަކާއި ހާފިޒުން އުފެއްދުމުގެ މަސައްކަތްތައް މި ސަރުކާރު އައި ފަހުން މަޑުޖެހިފައިވާތީ މިދިޔަ އަހަރުގައިވެސް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ޝަހީމް ފޭސްބުކް ޕޭޖްގައި އޭރު ލިޔުއްވާފައިވާ ގޮތުގައި އޭނާ މިނިސްޓަރު ކަމުގައި ހުންނެވިއިރު 500 ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމް ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދެވުނެވެ. އެ ޕްރޮގްރާމުން ހާފިޒުކަން ހާސިލްކުރި ކުދިން ރާއްޖޭގެ އެކި މިސްކިތްތަކުގައި އިމާމުވެ ނަމާދުކޮށް، ރާއްޖެއިން ބޭރުގައި ވެސް ރާއްޖެއަށް ރީތި ނަން ހޯދައިދިން ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން