ސީޕީ އިސްމާއީލް ނަވީން
ސީޕީ އިސްމާއީލް ނަވީން
ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ހިމެނޭ ގޮތަށް، ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ، ނަވީން ހިމެނޭ ގޮތަށް ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ލަަފާދޭން ފާސްކޮށްފައެވެ.

އެގޮތަށް ނިންމީ، ފުލުހުންގެ ބްލޫސް ހައުސިން ޕްރޮޖެކްޓްގެ ޚާއްޞަ އޮޑިޓް ރިޕޯޓު ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހު، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑާ ޚިލާފަށް އެ ބޭފުޅުން އަމަލުކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.

އެގޮތުން ސަސްޕެންޑް ކުރުމަށް ލަފާދިނުމަށް ނިންމާފައިވަނީ، ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އާއި، އެސިސްޓެންޓް ކޮމިޝަނަރު މޫސާ އަލީ ޢާއި، އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު އަބްދުއްރަހްމާން އާއި، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރަޝީދު އާއި، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ބަޝީރު އާއި، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދު އާއި، ސުޕްރިޓެންޑެންޓް އިސްމާއީލް ޝަމީމް އާދަމެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ގައުމީ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލަތަކެއް ހިމެނޭ ކަމަށް ބުނެ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުމަށް ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަނާން މުޙައްމަދު ރަޝީދު ތާއީދު ކުރެއްވިއެވެ. ކޮމިޓީ ސިއްރުކުރަން ފާސްކުރީ ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް