ކޮރަޕްޝަނާއި ޚިޔާނާތަކީ ފެޝަނަކަށް ހަދައިގެން މުޅި ދައުލަތުގެ ނިޒާމު ތަޣައްޔަރު ކޮށްފައިވާ ކަމުގައި ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ކުރަމުންދާ އެކި މަސައްކަތްތަކާއި ގުޅިގެން ތިލަވަމުންދާ ކޮރަޕްޝަނާއި، ފަސާދައިގެ އަމަލުތަކަށް އިޝާރާތް ކުރައްވައި ޑރ.ޖަމީލް ވިދާޅުވީ ވެރިކަމާއި ހަވާލުވެ ވަޑައިގެން މިވީ މަދު ދުވަސްތަކުގެ ތެރޭގައި މުޅި ދައުލަތް ތަޣައްޔަރުކޮށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަމަށެވެ. ބޮޑެތި އަދަދުތަކުން ދައުލަތަށް ފައިސާ ހޯދައި އެހީއާއި ލޯނު ހޯދައިގެންވެސް ރައްޔިތުންނަށް ވީކަމެއް ނެތްކަމުގައި ޑރ. ޖަމީލް ވިދާޅުވިއެވެ.

މިއަދު މުޅިދައުލަތުގެ ތެރެއިން ފެންނަކީ ވައްކަމާއި ކޮރަޕްޝަނަކީ ފެޝަނަކަށް ހަދައި އެމީހަކު ކުރަން ބޭނުންވާ ކަމެއް އެމީހަކު ކުރުމަށް ދޫކޮށްލާފައިވާ މަންޒަރު ކަމަށް ޖަމީލް ވިދާޅުވިއެވެ. ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުން އަމިއްލައަށް މައްސަލަތަކުގައި ގޮތްނިންމައި ދެއަތް އުރާލައިގެން ތިބި މަންޒަރު ފެންނަމުންދާކަމަށް ޖަމީލް ވިދާޅުވިއެވެ.

"މަދު ދުވަސްކޮޅެއްގެ ތެރޭގައި ދައުލަތުގެ ނިޒާމް ތަޣައްޔަރުވެއްޖެ. ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް. ޚިޔާނާތް ފެޝަނަކަށްވެއްޖެ. ބޮޑެތި ތުހުމަތުތައް ކުރެވޭ ފަރާތްތައް ތިބީ އަމިއްލަ އަށް ގޮތް ނިންމަން ދޫކޮށްލާފައި. ސަރުކާރަށް ކޮރަޕްޝަން އޯކޭވެ، ދެކޮޅަށް އަޑުއުފުލާ މީހުން ގޯސްވެއްޖެ." ޑރ.ޖަމީލް ވިދާޅުވި އެވެ.

ކޮރަޕްޝަން ހުއްޓުވުމުގައި އިންގިލާބީ ބަދަލެއް ގެނެވޭނެކަމަށް ރައީސް އޮފީހުން އިއްޔެ ވަނީ ބުނެފައެވެ. ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ގާނޫނާ އެކު ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

ވިސްލް ބްލޯވަރ ގާނޫނުގެ ބޭނުމަކީ ދައުލަތުގެ އެކި ނިޒާމްތަކުގައި ހިނގާ ކޮރަޕްޝަނާއި ވައްކަން ފަދަ ނޭދެވޭ އަމަލުތައް ހުއްޓުވަން ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓް ކުރުމުގެ ނިޒާމެއް ގާއިމްކޮށްދިނުމެވެ. އެންމެ މުހިއްމު ކަމަކީ، ކޮރަޕްޝަން ރިޕޯޓްކުރާ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމެވެ. މައްސަލަތައް އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމްކުރުމަކީ ވެސް އެ ގާނޫނުގެ އެއް ބޭނުން ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

ކޯވިޑް 19 އާއި ގުޅިގެން ސަރުކާރުން ކުރި ޚަރަދުތަކުގެ ބައެއް އޮޑިޓް ރިޕޯޓްތައް ނެރެފައިވާއިރު މިހާތަނަށް އަދި މިމައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހަކަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން