‏ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މަޢުލޫމާތު، ޢާންމު ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ، އެއިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް ނޫންކަމަށާއި އެމަޢުލޫމާތުތައް ލިބިގަތުމަކީ ރައްޔިތުންގެ ޙައްޤެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރޭ މަޖައްލާއަކަށް ރައީސް ދެއްވާފައިވާ ޚިޠާބެއްގައި ވާ ގޮތުގައި، މައުލޫމާތު ހާމަކުރަން ފަސްޖެހޭ ވަރަކަށް އެ ބައެއްގެ ތެރޭގައި ފަސާދައިގެ އަމަލުތަކަށް ޖާގަ ދެވެ އެވެ.

ރައީސްގެ ޚިތާބުގައި ވިދާޅުވީ، ދަޢުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މަޢުލޫމާތު ހިއްސާނުކޮށް ހިފެހެއްޓުމަކީ އެ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިޚްތިޔާރުގައިވާ ކަމެއް ނޫންކަމަށެވެ. އަދި މަޢުލޫމާތު ހޯދައިދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރަމުންދާ މަސައްކަތުގައި ދައުލަތުގެ ހުރިހާ އިދާރާތަކުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މައުލޫމާތު ހޯދުމުގެ ޙައްގަށް ހުރުމަތްތެރިކޮށް ހިތުމަކީ ދައުލަތުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެއް ކަމަށާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަމުގައި މިނިވަން މުއައްސަސާއެއް ގާއިމުކުރުމުގެ މަގްސަދަކީވެސް އެ ހައްޤު ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރުން ކަމަށެވެ.

"މައުލޫމާތު ފޯރުކޮށްދިނުމަށް މުއައްސަސާތަކުން ހާމަކަން ބޮޑު މަސައްކަތްތަކެއް ކުރަން ޖެހޭ. ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމަށް ހުރަސް ނާޅައި އެކަމަށް މަގު ފަހިކޮށްދިނުމަކީ ދައުލަތުގެ ހުރިހާ މުވައްޒަފުންނާއި އިދާރާތަކުގެ ޒިންމާއެއް. މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް 29 ވަނަ މާއްދާގައި ބުނެފައިވާ އިރު މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން އާންމުކޮށް ރައްޔިތުންނަށް އެނގެން ޖެހޭ މައުލޫމާތުތައް ހާމަ ކުރުމަކީ ކޮންމެ އިދާރާއަކުން އިސްކަންދޭ ކަމަކަށް ހަދަންޖެހޭ." ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅު ވެފައިވެއެވެ.

ރައީސް ވިދާޅުވީ ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ މައުލޫމާތު ލިބިގަތުމުގެ ހައްގުު ވެސް ހަގީގީ މާނައިގައި ރައްޔިތުންނަށް ދޭން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމުގެ އުއްމީދު އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ އަދި އެ ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިން ކަން ފާހަގަކުރައްވާ ރައީސް ވަނީ، ގާނޫނުއަސާސީގައި ރައްޔިތުންނަށް ދީފައިވާ ދުސްތޫރީ ބާރު ދަމަހައްޓައި ނެގެހެއްޓޭނީ މިހައްގުތައް ރައްޔިތުންނަށް ލިބިގެންކަން ފާހަގަ ކުރައްވާފައެވެ.

"ޚަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ޚިޔާލުތައް އާންމުކޮށް ޝާއިއުކުރުމާއި ފެތުރުމަކީ އާންމުންނަށް ލިބިގެންވާ މިނިވަންކަމެއް. އެ ޙައްގު ކަށަވަރުވެގެންދާނީ މިނިވަން ނޫސްވެރިކަމަށް މަގުފަހިކޮށްދީގެން." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ޢަލީ ނަސީމު

29-Sep-2020

މިވަރުގެ މުނާފިގެއް ދުނިޔޭގައިވެސް މަދުވާނެ. ޓިޔައީ ފައްކާ މޔހތކެއް.



ޓްރެންޑިން