އަހުމަދު މަސްނޫމް   28 ސެޕްޓެމްބަރު 2020 - 18:21
ކޯވިޑް-19 ގެ ޙާލަތުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް އެހީވުމަށް ޖަޕާނުން ރާއްޖެއަށް 47.5 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި "ކޯވިޑް-19 ކްރައިސިސް ރެސްޕޮންސް އެމެޖެންސީ ސަޕޯޓް ލޯން"ގެ އެކްސްޗޭންޖް އޮފް ނޯޓްސްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ޖަޕާން ސަރުކާރުން 5 ބިލިއަން ޖަޕަނީސް ޔެން ނުވަތަ 47.5 މިލިއަން ޑޮލަރުގެ ލޯން އެހީއެއްދީފައި ވަނީ 0.01 ޕަސެންޓް އިންޓަރެސްޓް ރޭޓުގައިކަމަށެވެ. އަދި މި ލޯނު އަނބުރައި ދެއްކުމަށް 15 އަހަރު ދުވަހުގެ މުއްދަތެއްދީފައި ވާކަމަށާއި، ފުރަތަމަ 4 އަހަރަކީ ގްރޭސް ޕީރިއަޑެއްގެގޮތުގައި ހަމަޖައްސާފައި ވާހަތަރު އަހަރު ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، މިއީ ސަރުކާރުން ރައްޔިތުންނަށް މި ޙާލަތުގައި ފޯރުކޮށްދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ފޯރުވައިދިނުމަށް ލިބުނު އެހީއެއް ކަމަށެވެ. އަދި މިފަދަ އެހީތަކުން ދައްކުވައިދެނީ ދުނިޔޭގެ ޤައުމުތަކާ އެއްވެސް ތަފާތުކުރުމެއް ނެތި މި ސަރުކާރުން ބާއްވަމުންގެންދާ ގުޅުމުގެ ނަތީޖާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވީ، ފާއިތުވި 6 މަސްދުވަހު ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކޮށްފައި ވަނީ ތަޢުރީފު ހައްޤު މަސައްކަތްތަކެއް ކަމަށެވެ.

އެގޮތުން ޞިއްޙީ ޚިދުމަތްތެރިންނާއި، ކަމާބެހޭ ވުޒާރާތަކާއި، ރައްޔިތުން ދައްކަމުންދާ ނަމޫނާއާއި، އައު އާއްމު ޙާލަތަށް ތައްޔާރުވުމަށް ކުރާ މަސައްކަތް ޖަޕާން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ. މި ބަލިމަޑުކަން ދިގުލައިގެން ދިއުމާއެކު ރާއްޖޭގެ އިޤްތިޞާދަށް ހީނަރުކަން އައިސް، ތަރައްޤީ އާއި އިޖްތިމާއީ ކަންކަމަށް ހުރަސް އެޅިފައިވާކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކަންކަމުގައި ޖަޕާނުން އަބަދުވެސް އެހީވާން ތައްޔާރަށް އޮތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން