މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އެ ކޮމިޓީން ވަކިކޮށްފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިޢުލާނު ކޮށްފިއެވެ.

މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ އިޖުތިމާއީ ކޮމިޓީއަށް އަސްމާގެ ބަދަލުގައި ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ އައްޔަނު ކޮށްފައިވާކަން އިއުލާނު ކޮށްފައެވެ.

ރައީސްގެ ބައްދަލުވުންތަކާ ގުޅިގެން މާފަންނު މެދު ދާއިރާގެ ރައްޔިތުންނަށް ފޮނުވި މެސެޖަކާއި ގުޅިގެން ޕީއެންސީގެ ޕީޖީ ގްރޫޕުން ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުންނާއި، ޔޫކޭ-މޯލްޑިވްސް ފްރެންޑްޝިޕް ގްރޫޕުގެ ޗެއާގެ މަޤާމުން އަސްމާ ވަކިކޮށް، އަސްމާ ޔޫކޭއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތް މަޖިލީހުގެ ދަތުރެއް ކެންސަލްކޮށްފައެވެ.

އޭގެއިތުރުން ޢާއްމުންގެ ކިބައިން ޢާންމުކޮށް މާފަށް އެދުމަށް އަންގާފައިވާތީ އަސްމާ މިހާރުވަނީ ޢާއްމުންގެ ކިބައިން މާފަށްވެސް އެދިފައެވެ. އެގޮތުން އޭނާގެ މެސެޖާ ގުޅިގެން އެއްވެސް ބޭފުޅަކަށް އޮޅުމެއް އަރާފައިވާނަމަ ނިހާޔަތަށް މާފަށް އެދޭ ކަމަށް އަސްމާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އަސްމާ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ 26 ނޮވެމްބަރު ވަނަ ދުވަހު އެ ދާއިރާގެ މެންބަރުންނަށް ފޮނުވާފައިވާ މެސެޖަކީ ރައީސް ރައްޔިތުންނާ ބައްދަލު ކުރަށްވާ ޖަލްސާގައި ރައީސް އާއި ސީދާ ސުވާލުކުރުމުގެ ފުރުސަތު ލިބިވަޑައި ނުގަންނަވާ ބޭފުޅުންގެ ކަންބޮޑުވުންތައް ރައީސް އަރިހަށް ގެންދިޔުމަށް ފަސޭހަ ކުރުމުގެ ގޮތުން ފޮނުވި މެސެޖެއް ކަމަށެވެ.

އެކަމާގުޅިގެން ރައީސް ވަނީ ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުންތަކަކީ ރައްޔިތުން ސީދާ އެ މަނިކުފާނާ ސުވާލުކޮށް، މެސެޖު ދީ، ސިޓީ ހަވާލުކުރުމަށް ދެވޭ ފުރުސަތެއް ކަމަށާއި، މި ނޫން ގޮތަކަށް ރައްޔިތުންނަށް މެންބަރުންގެ މެސެޖު ނުދިނުމަށް އަންގަވާފައެވެ.

ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވެސް ވަނީ ރައީސް ބާއްވަވާ ބައްދަލުވުންތަކުގައި ކުރާނެ ސުވާލާއި ފާޅުކުރާނެ ހިޔާލު ކުރިން ހުށަހަޅަން ޖެހޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، މިހާތަނަށް ވެސް ބައިވެރިވާ ރައްޔިތުންނަށް މިނިވަންކަމާއެކު ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައިވާ ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް