ލޯކަލް ގަވަމެންޓް އޮތޯރިޓީ
ލޯކަލް ގަވަމެންޓް އޮތޯރިޓީ
ލާމަރުކަޒީ ގާނޫނު އިސްލާހު ކުުރުމަށް މިދިޔަ ހަފްތާގައި މަޖިލީހުން ފާސް ކުރި ބިލު ޤާނޫނަކަށް ވުމާއެކު، ކައުންސިލަރުން ސަސްޕެންޑްކުރުމުގެ ބާރު އެލްޖީއޭ އަށް ލިބިއްޖެއެވެ.

ކައުންސިލަރުންގެ އަދަދު މަދު ކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސް މިހާރު ތަސްދީޤު ކުރަށްވާފައިވާއިރު، ލޯކަލް ގަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ ބާރު ވަނީ ދީފައެވެ.

އެގޮތުން އެ ގާނޫނުގެ 62 ވަނަ މާއްދާގައި ބުނެފައިވަނީ، އެއްވެސް ކައުންސިލަރެއް، ކައުންސިލްގެ ރައީސް ނުވަތަ މޭޔަރުގެ މަސްއޫލިއްޔަތުތައް އެކަށީގެންވާ ގޮތެއްގައި އަދާ ނުކުރެވޭ ނަމަ، ނުވަތަ އިހުމާލުވާ ނަމަ، ނުވަތަ ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާނަމަ ނުވަތަ ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާ ނަމަ، އެފަދަ ކައުންސިލަރުންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު އެލްޖީއޭއަށް ލިބިފައިވާ ކަމަށެވެ.

ހަމައެއާއެކު ކައުންސިލަރުންނާމެދު އެލްޖީއޭއަށް ފިޔަވަޅެއް އެޅޭނީ، ލޯކަލް ގަވަމަންޓް މިނިސްޓަރުގެ ހުއްދައަކާއެކު ހިންގާ ތަހުގީގަކަށް ފަހު ކަމަށާއި، އަދި އެކަންކަން ރަނގަޅު ކުރުމަށް އަންގައި، އިސްލާޙު ނުކޮށްފިނަމަ، ތިން މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް އެކަމުގައި ޝާމިލުވި ކައުންސިލަރު މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑް ކުރުމުގެ ބާރު އެލްޖީއޭއަށް ލިބޭ ކަމަށް ޤާނޫނުގައިވެއެވެ.

އަދި ގާނޫނުގެ 62 ވަނަ މާއްދާގެ (ނ)ގެ ފަހަތަށް އިތުރު ކުރި އަކުރުގައި ބުނެފައިވަނީ، އެލްޖީއޭއަށް ފާހަގަކުރެވުނު ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، އެ ކަންކަމުގައި ޝާމިލުވި ކައުންސިލަރާމެދު ނުވަތަ ރައީސްއާމެދު ނުވަތަ މޭޔަރާމެދު ވަގުތުން ފިޔަވަޅު އަޅަން ޖެހޭކަމަށް އެ އޮތޯރިޓީއަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ފެނިއްޖެ ނަމަ، އިންކުއަރީ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެ ކައުންސިލަރާ މެދު ވަގުތުން ފިޔަވަޅު އެޅުމުގެ ބާރު އެލްޖީއޭއަށް ލިބިގެންވާ ކަމަށެވެ.

މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހު މި ބިލު ފާސްކުރީ 54 މެންބަރުންގެ ވޯޓުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް