މަރްޔަމް ނަހްދާ ވަޙީދު   2 ޑިސެމްބަރު 2025 - 17:22
ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު
ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު
ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، އެ ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރީ، ފާއިޒް ޤާޟީކަމުން ވަކިކުރުމުގެ މައްސަލައިގައި އިޖުރާއީ ގޮތުން އެއްވެސް މައްސަލައެއް ނެތްކަމަށް ފާހަގަވެފައިވާތީ، މި މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރިޕޯޓުގައި އޮތް ގޮތުގެ މަތީން، މި މައްސަލާގައި ގޮތެއް ނިންމުމަށް މަޖިލިސް ތަޅުމަށް ފޮނުވުމަށެވެ.

ގާޟީ ފާއިޒު ފަނޑިޔާރުކަމުން ވަކިކުރުމަށް އެދި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅީ، މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

ޖޭއެސްސީން ބުނެފައިވަނީ، ފުލުހުން މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމުގައި ޤާޟީ ފާއިޒް ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް އަމަލުކޮށްފައިވާކަން ސާބިތުވާ ކަމަށެވެ.

އަލީ އަންވަރަކީ މީގެ ކުރިން 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރެވިފައިވާ މީހެކެވެ. އޭނާ ކޯޓުން ދޫކޮށްލުމުން ލަންކާއަށް ފުރައިގެން ދިޔުމަށްފަހު، ފުލުހުންގެ މަސައްކަތުން ޑީޕޯޓްކޮށް ރާއްޖެ ގެނެސް އަލުން ހައްޔަރުކޮށްފައިވެއެވެ.

މި މައްސަލަތަކާ ގުޅިގެން ގާޒީ ފާއިޒް މިހާރު ވަނީ 60 ދުވަހުގެ މުއްދަތަށް ސަސްޕެންޑުކޮށްފައެވެ. އަދި، އައިޖީއެމްއެޗްގެ ނަރުސް މަރާލި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ލަމްހާ، ގާޒީ ފާއިޒް ދެ ފަހަރަކު ބަންދުން ދޫކޮށްލި ނަމަވެސް، އެ ދެ ނިންމުން ވެސް ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.

‎މީގެ ކުރިން 2021 ވަނަ އަހަރު ވެސް އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާ ގުޅޭގޮތުން ލީކުވި އޯޑިއޯތަކާ ގުޅިގެން ސަސްޕެންޑު ކޮށްފައެވެ. ނަމަވެސް އެ މައްސަލައިގައި އޭނާގެ އަޑު ދިމާނުވާތީ އެ ސަސްޕެންޝަން ވަނީ އުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް