އިންފޮމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒް މޫސާ
އިންފޮމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒް މޫސާ
ރައްޔިތުންނަށްޓަކައި ޤާނޫނު އަސާސީގައި އިސްތިސްނާކޮށްފައިވާ މަޢުލޫމާތުތައްވެސް ހާމަކުރަމުން ގެންދިޔުމަށް އިންފޮމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒް މޫސާ އިލްތިމާސް ކުރައްވައިފިއެވެ.

ބައިނަލްއަޤްވާމީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފިޔާޒް ވިދާޅުވީ، ޤާނޫނުގައި މަޢުލޫމާތު ހިފެހެއްޓޭ ޙާލަތްތަކެއް ހުރިކަމުގައި ވީ ނަމަވެސް ރައްޔިތުން އެދުމުން އެ މަޢުލޫމާތުވެސް ހާމަކޮށްދޭން ޖެހޭނެ ކަމަށެވެ.

"ގާނޫނުގައި އެބަހުރި މައުލޫމާތު ހިފެހެއްޓޭ ހާލަތްތައް ބަޔާންކޮށްފައި. ނަމަވެސް އިސްތިސްނާ ހާލަތްތަކަކީ އިންފޮމޭޝަން އޮފިސަރު ނުވަތަ ދައުލަތުގެ އިދާރާ ހިންގަން ހުންނަ ބޭފުޅަކު ހިތުހުރި ގޮތަކަށް ބޭނުންކުރުމަށް، މާނަކުރުމަށް އޮތް އިހުތިޔާރެއް ކަމަކަށް ނުދެކެން." ފިޔާޒް ވިދާޅުވި އެވެ.

ފިޔާޒް ވިދާޅުވީ ދަޢުލަތުގެ އިދާރާތަކުން އެއިދާރާއެއްގައި ރައްކާކޮށްފައިވާ ރައްޔިތުންނާ ގުޅޭ މަޢުލޫމާތުތައް ހާމަކުރުމަކީ މުހިއްމުކަމެއް ކަމަށާ ބަޔަކު މަޢުލޫމާތަކަށް ނޭދުނުކަމުގައި ވީނަމަވެސް ރައްޔިތުންނާ ގުޅުން ހުރި މަޢުލޫމާތުތައް ވީއެންމެ އަވަހަކަށް ހާމަކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ކޯވިޑް-19 ގެ މިހާލަތުގައިވެސް މަޢުލޫމާތު ހޯދާ ލިބިގަތުމުގެ މުޙިއްމުކަން ހާމަވެގެން ގޮސްފައިވާކަން ފިޔާޒު ފާހަގަ ކުރެއްވިއެވެ.

"މައުލޫމާތުތައް ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމުގެ ސަބަބުން ރައްޔިތުން މަޢުލޫމާތު ހޯދުމަށް ކުރިމަތިވާ ދަތިތައް ތަހައްމަލު ކުރަންނުޖެހޭނެ. ފަސާދައާއި ކަރަޕްޝަނަކީ ރައްޔިތުން ކަންބޮޑުވާކަންކަން. ކޮންމެ އިދާރާއެއްގައިވެސް ޒިންމާއެއް އެއީ މަޢުލޫމާތު ފޯރުކޮށްދިނުން." އިންފޮރމޭޝަން ކޮމިޝަނަރ ހުސެއިން ފިޔާޒް މޫސާ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ މަޢުލޫމާތު ލިބުމުގެ ޙައްގު ނުލިބި ހަޤީޤީ ޑިމޮކްރަސީއެއް ތަޖުރިބާ ނުކުރެވޭނެ ކަމަށާއި މަޢުލޫމާތު ހޯދައި ލިބިގަތުމަށް ރާއްޖޭގައި އެކުލަވާލާފައިވާ ޤާނޫނަކީ ފުރިހަމަ ޤާނޫނެއް ކަމަށްވީނަމަވެސް އޭގެ ފައިދާ ލިބޭނީ ސުވާލު ކުރާ ރައްޔިތުންތަކެއް އުފެދި މައުލޫމާތު ދޭން އިދާރާތަކުން ވެސް މަސައްކަތްކޮށްގެން ކަމަށެވެ.

"ވަރަށް އާންމުކޮށް ދެކެވޭ ވާހަކައެއް މިއީ އިންފޮމޭޝަން އިޒް ދަ އޮކްސިޖަން އޮފް ޑިމޮކްރަސީ އޭ. ރައްޔިތުންގެ ބާރުވެރިކަން ދެނެގަތުމަށް ވަރަށް މުހިންމުކަމެއް މައުލޫމާތު ހޯދުމާއި މައުލޫމާތު ލިބިގަތުމަކީ." ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ މައުލޫމާތު ހޯދުމަކީ އެތައް އިންސާނީ ހައްގަކާ ގުޅިފައިވާ ކަމެއްކަމުން އެ ހައްގު ކަށަަވަރުކޮށްދިނުމުން ރައްޔިތުން ބާރުވެރިކުރުވޭ ކަމަށެވެ.

މި ޖަލްސާގައި ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ ދައުލަތުގެ ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުން، މުއައްސަސާތަކާއި އިދާރާތަކުގެ ސިޔާސަތުތައް ބައްޓަން ކުރަންވާނީ އެތަނަކުން ލިބޭ މައުލޫމާތުތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން އެ ދާއިރާއަކުން ލިބެންހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް އެންމެ ބޮޑަށް ކުރެވޭނެ ކަމަކީ އެ ދާއިރާއެއްގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، އިތުރަށް ތަރައްގީކޮށް އިސްލާހުކުރުން ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި މައުލޫމާތުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް ބައްޓަން ކުރުމުން ވަަރަށް ގިނަ ފައިދާތަކެއްވާ ކަން ޝަމީމް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން