އިންތިހާބެއްގައި ވޯޓު ލަނީ، ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އިންތިހާބެއްގައި ވޯޓު ލަނީ، ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން އިއުލާން ކޮށްފިއެވެ.

އީސީން ނެރުނު އިއުލާނުގައި ވަނީ، އަންނަ އަހަރު ބާއްވާ އިންތިޚާބުގައި 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރާނެ ކަމަށެވެ.

އެ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް ބޭނުންވާ 7,000 އަށްވުރެ ގިނަ އޮފިޝަލުން ހޯދުމަށް އެ ކޮމިޝަނުން މިއަދު ވަނީ އިއުލާން ކޮށްފައެވެ.

އަދި އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ މީހުން، މި މަހު 21 ވަނަ ދުވަހުގެ 15:00ގެ ކުރިން އީ-ފާސް މެދުވެރިކޮށް އީސީގެ ޕޯޓަލްއިން އެޕްލިކޭޝަން ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

މީގެ އިތުރުން އެ އިންތިޚާބުގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވެސް އީސީން ވަނީ ޢިއުލާންކޮށްފައެވެ. އެގޮތުން، މަގާމަށް ޝައުގުވެރިވާ މީހުން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ކޮމިޝަނުގެ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އީސީން ވަނީ އެދިފައެވެ.

ކައުންސިލް އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ހިމެނެއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ސިޔާސީ ޕާޓީތަކުން މިހާރު ވަނީ ފަށާފައެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބުގައި ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބައެއްް ސިޔާސީ ޕާޓީތަކުން މިހާރު ވަނީ ފުރުސަތުވެސް ހުޅުވާލާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ތައްޔާރުވަމުންދާއިރު ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް އަތޮޅު ކައުންސިލްތައް އުވާލުމަށް ވަނީ ނިންމާފަ އެވެ. އެހެންވެ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އަތޮޅު ކައުންސިލްގެ ރައީސްގެ ގޮތުގައި ބޭފުޅަކު ހޮވުމެއް ނޯންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް