މާފުށީގައި ހުންނަ ގެސްޓް ހައުސް އެއް
މާފުށީގައި ހުންނަ ގެސްޓް ހައުސް އެއް
ވަކި ހާއްސަ ހާލަތްތަކެއްގައި ގެސްޓް ހައުސް ހިންގާ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާނަމަ ކަރަންޓީނުވާން މަޖުބޫރު ނުވާނެ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ރޭ އާންމުކުރި ޓޫރިޒަމް ސެކްޓާ އާއި ގުޅޭ އާ އެސްއޯޕީ ގައި ބުނެފައިވަނީ ފަތުރުވެރިންނަށް ހިދުމަތްދޭ ގެސްޓް ހައުސް ހިންގާ ރަށަކުން، ގެސްޓްހައުސް އޮޕަރޭޓު ނުކުރާ ރަށަކަށް ދާނަމަ، 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކޮށް ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެ ކަމަށެވެ. އަދި ގެސްޓްހައުސް ހިންގާ ރަށުގައި ކޮވިޑުގެ ކޭހެއް އެވަގުތު ނެތްނަނަމެސް މި ގޮތަށް އަމަލު ކުރަންވާނެ ކަމަސް އެސްއޯޕީގައި ބުނެއެވެ.

ނަމަވެސް ބައެއް ހާއްސަ ހާލަތްތަކުގައި ކަރަންޓީނު ވުުމެއްނެތި އެހެން ރަށްރަށަށް ދަތުރުކުރެވޭނެ ކަމަށް އެސްއޯޕީގައި ބުނެފައިވެއެވެ. އެގޮތުން ސިއްހީ ބޭނުމަކަށް ނުވަތަ އެފަދަ އެނޫންވެސް ޒަރޫރީ ބޭނުމަކަށް ގެސްޓް ހައުސް ހިންގާ ރަށަކުން ގެސްޓް ހައުސް އޮޕަރޭޓު ނުކުރާ ރަށަކަށް ދަތުރު ކުރާނަމަ ވަކި ކަންތައްތަކެއް ފުރިހަމަވޭތޯ ބަލާނެ ކަންތައްތަކެއް އެސްއޯޕީގައި ވަނީ ހިމަނާފައެވެ. އެގޮތުން ދަތުރު ކުރާ މީހަކީ ހުރިހާ ވަގުތަކުވެސް މާސްކު އަޅައިގެން އުޅޭ މީހަކަށް ވާންޖެހޭނެ ކަމަށާއި އެ ގެސްޓްހައުސް ހިންގާ ރަށުގެ ރައްޔިތުންނާ އަދި ގެސްޓުންނާ އިންޓަރެކްޓުވުން ނުވަތަ ބައްދަލުވުން ވީހާވެސް މަދުކުރަން ޖެހޭނެ ކަމަށާއި އެގޮތަށް ދަތުރު ކުރާ މީހަކީ ގެސްޓްހައުސް އެއްގައި މަޑުކޮށްފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ގެސްޓްހައުސް ހިންގާ ރަށުގެ ކެފޭ ރެސްޓޯރެންޓުތަކުން ޑައިން އިންގެ ހިދުމަތް ހޯދުމުގެ ބަދަލުގައި ޓޭކްއަވޭ ނުވަތަ ޑެލިވަރީގެ ހިދުމަތް ހޯދުމަށްވެސް އެސްއޯޕީގައި ބުނެފައިވެއެވެ.

އެސްއޯޕީ ބުނާގޮތުން ގެސްޓްހައުސް ހިންގާ ރަށްރަށާއި ދެމެދު ދަތުރުކުރާނަމަ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރާކަށް ނުޖެހެއެވެ.

މީގެ އިތުރުން ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސިން ހިމެނޭގޮތުން ގްރޭޓާ މާލެ ސަރަހައްދުން ގެސްޓްހައުސް ހިންގާ ރަށަކަށް ދާނަމަ ގެސްޓްހައުސްތަކުގައި މަޑު ނުކުރެވޭނެ ކަމަށާއި އެހެން ރަށަކުން ގެސްޓްހައުސް ހިންގާ ރަށަކަށް ގޮސް ގެސްޓުހައުސް ގައި މަޑުކުރާނަމަ ރަށުގެ އެހެން ގޭގެއަށް ގޮސްގެން ނުވާނެ ކަމަށް އެސްއޯޕީގައިވެއެވެ.

އަދި ގެސްޓްހައުސްގައި މަޑުކުރުމަށްފަހު އެހެން ރަށަކަށް ދަތުރުކުރާނަމަ އަދި އާންމުންގެ ތެރޭގައި އުޅޭނަމަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އެސްއޯޕީގައި ބުނެފައިވެއެވެ.

ގެސްޓު ހައުސް ތަކަށް އަންނަ ފަތުރުވެރިން، ގެސްޓްހައުސް ހުންނަ ރަށުން ގެސްޓް ހައުސް ނުހުންނަ (އޮޕަރޭޓު ނުކުރާ) ރަށަކަށް ދަތުރު ނުކުރެވޭނެ ކަމަށް ވެސް އެސްއޯޕީގައި ބުނެފައިވެއެވެ. ނަމަވެސް ގެސްޓްހައުސް ހިންގާ ރަށްރަށާއި ދެމެދު ފަތުރުވެރިންނަށް ދަތުރު ކުރެވޭނެ ކަމަށާއި ރިސޯޓު ތަކާއިި ގެސްޓްހައުސް ހިންގާ ރަށާއި ދެމެދުވެސް ދަތުރު ކުރެވޭނެ ކަމަށް ބުނެފައިވެއެވެ. މިގޮތަށް ދަތުރު ކުރެވޭނީ ގެސްޓްހައުސް ހިންގާ ރަށަކީ އެޗްޕީއޭ އިން މޮނީޓަރިން އަށް ލާފައިވާ ރަށަކަށް ނުވާ ނަމަ ކަމަށް އެސްއޯޕީގައިވެއެވެ. ނަމަވެސް ގެސްޓްހައުސް ހިންގާ ރަށެއްގައި ހުރި ފަތުރުވެރިޔާ އަށް ސަފާރީއަކަށް ނުދެވޭނެ ކަމަށް އެސްއޯޕީގައި ބުނެފައިވެއެވެ.

މީގެ އިތުުރުން އެއްރަށުން އަނެއްރަށަށް ގެސްޓުން ދަތުރު ކުރުމުގެ ކުރިން އެގްޒިޓް ސްކްރީނިން ހަދައި ބަލީގެ އަލާމާތްތައް ހުރިތޯ ބަލަން ޖެހޭނެ ކަމަށާއި އަލާމާތްތައް ހުރިނަމަ ދަތުރު ކުރެވޭނީ ބައްޔަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވުމުން ކަމަށް އެސްއޯޕީ ގައި ބުނެފައިވެއެވެ. އެގޮތުން ގެސްޓްހައުސް ހިންގާ ރަށްރަށުގެ މެދުގައި ނުވަތަ ގެސްޓްހައުސް ހިންގާ ރަށަކުން ރިސޯޓަކަށް ދާނަމަވެސް ފަތުރުވެރިންގެ އެގްޒިޓް ސްކްރީނިން ހަދަން ވެސް އެސްއޯޕީގައި ވަނީ ލާޒިމްކޮށްފައެވެ.

ގެސްޓްހައުސްއެއްގައި ހުރި ފަތުރުވެރިއަކު ނުވަތަ ސްޓާފެއްގެ ފަރާތުން ކޮވިޑް-19ގެ އަލާމާތެއް ފެނިއްޖެނަމަ އެމީހަކު އައިސޮލޭޓުކޮށް ބައްޔަށް ޓެސްޓު ކުރަން ޖެހޭނެ ކަމަށާއި ގެސްޓު މީހާ އަކީ އެހެން ބަޔަކާއެކު ރޫމް ޝެއާ ކުރާ މީހެއްނަމަ، އަލާމާތްތައް ފެނުނު މީހާ އައިސޮލޭޓު ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ގެސްޓުންނާޢި ސްޓާފުންގެ ތެރެއިން އަލާމާތްތައް ފެންނަ މީހުންގެ ޓެސްޓު ހެދުމަށް ސާމްޕަލް ނަގާނީ ރަށުގައި ގާއިމް ކޮށްފައިވާ ފްލޫ ކްލިނިކުންނެވެ. ގެސްޓްހައުސް އޮޕަރޭޓު ކުރުމުގެ ހުއްދަ ދެނީ ފްލޫ ކްލިނިކް ގާއިމް ކުރުމުންނެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އަލާމާތްތައް ކުޑަކޮށް ފެންނަ މީހުންނާއި ހައި ރިސްކު ނޫން މީހުން ރަށުގައި އައިސޮލޭޓު ކުރާއިރު ހައި ރިސްކު މީހުންނާއި ބޮޑެތި އަލާމާތްތައް ފެންނަ މީހުން ރީޖަނަލް ކޮވިޑް ފެސިލިޓީ އަށް ގެންދަން ޖެހޭއިރު މިގޮތަށް އައިސޮލޭޓުވާއިރު ފަރުވާއަށް ދާ ހަރަދު ދޭންޖެހޭނީ ފަތުރުވެރިޔާ އަދި ގެސްޓްހައުސް އިން ކަމަށް އެސްއޯޕީގައިވެއެވެ. ގެސްޓުންނާއި ސްޓާފުންގެ ތެރެއިން އަލާމާތްތައް ފެންނަ މީހުންގެ ޓެސްޓު ހެދުމަށް ސާމްޕަލް ނަގާނީ ރަށުގައި ގާއިމް ކޮށްފައިވާ ފްލޫ ކްލިނިކުންނެވެ.

ގެސްޓުހައުސް ހިންގާ ރަށުގައި ހުރި ޓޫރިސްޓު ބެޑުގެ ނިސްބަތުން ކަރަންޓީނަށް އެނދު ހާއްސަ ކުރަންޖެހޭނެ ކަމަށް އެސްއޯޕީގައިވެއެވެ.

އެގޮތުން 500 އެނދަށްވުރެ ގިނަ އެނދު ހުރިނަމަ 15 އެނދު 100 އާއި 5000 އާއި ދެމެދުގެ އަދަދަކަށް އެނދު ހުރިނަމަ އަށް އެނދު އަދި 100 އަށްް ވުރެ ގިނަ އެނދު ހުންނަ ރަށްރަށުން ފަސް އެނދު އެކަމަށް ހާއްސަ ކުރަންޖެހޭނެ ކަމަށް އެސްއޯޕީގައިވެއެެވެ.

މި އެސްއޯޕީ ބުނާގޮތުން ފަތުރުވެރިން ރަށްރަށުގެ ގެސްޓްހައުސްގައި ތިބޭއިރު ރަށުގެ އާންމު ހުރިހާ ތަނަކަށް ދެވޭނެއެވެ. ނަމަވެސް އާންމު ގޭގެއަށް ދިޔުން މަނާވާނެއެވެ.

ގެސްޓްހައުސް އޮޕަރޭޓު ކުރަން ފެށުމުން އެރަށުގެ ހުރިހާ ރައްޔިތުންވެސް އަދި ފަތުރުވެރިންވެސް ބޭރަށް ނިކުމެ އުޅެންވާނީ މާސްކު އަޅައިގެން ކަމަށާއި ފިހާރަތަކާއި ރެސްޓޯރެންޓު ތަކުން ހިދުމަތް ދޭއިރު އެޗްޕީއޭގެ ގައިޑްލައިން ތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށް އެސްއޯޕީގައި ބުނެފައިވެއެވެ.

މާލެ ފިޔަވައި ރަށްރަށުގެ ގެސްޓްހައުސް ތައް ހުޅުވަން ނިންމާފައިވަނީ އޮކްޓޯބަރު 15 ގައެވެ. މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ދެވޭނީ މާލެ ސަރަހައްދުން ނަގާސާމްޕަލްތައް ޕޮޒިޓިވްވާ މިންވަރު 28 ދުވަސް ވަންދެން ފަސް ޕަސެންޓުގައި ހިފެހެއްޓުމުން ކަމަށް އެސްއޯޕީގައިވެއެވެ. އެއީ ސާމްޕަލްގެ އަދަދުން ބަލާނަމަ ދުވާލަކު 1000 ސާމްޕަލް އަށްވުރެ މަދު ނޫން އަދަދަކުން ޕޮޒިޓިވް ޕަސެންޓޭޖު ފަހަކަށް ވުރެ ދަށުގައި ހިފެހެއްޓުމުން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން