ކަސްޓަމްސުން އަތުލާފައިވާ ސިނގިރޭޓްތަކެއް
ކަސްޓަމްސުން އަތުލާފައިވާ ސިނގިރޭޓްތަކެއް
ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ގެއްލުނު މައްސަލާގައި ސީނިއަރ ސާޖަންޓެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ފުލުސް ސީނިއާ ސާޖަންޓް މުނައްވަރު އާދަމް، 39 ކަމަށެވެ. އޭނާއަކީ އދ. ދިގުރަށަށް ނިސްތަބްވާ މީހެކެވެ.

ވިލިމާލެ ސްޓޭޝަނުން ސިނގިރޭޓު ގެއްލުނު މައްސަލާގައި، ފުލުހުން ބުނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ކާޓޫންތަކެއް ކަސްޓަމްސްއާ ހަވާލުކުރަން މަސައްކަތްކުރި ކަމަށެވެ. އެގޮތުން ބެލުމުން، މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ބިދޭސީއެއްގެ އަތުން އަތުލައިގަތް 32 ކާޓޫން ސިނގިރޭޓު ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެ ތެރެއިން ހަ ކާޓޫން ސިނގިރޭޓު މަދުވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ.

އަދި، މި މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 25 ކާޓޫން ސިނގިރޭޓު މަދުވެފައިވާކަންވެސް އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ، މި ދެ ހާދިސާގައި ޖުމްލަ 31 ސިނގިރޭޓު ކާޓޫން މަދުވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި ދެ މައްސަލައާ ގުޅިގެން އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި، އަދި މި މައްސަލައިގެ ޖިނާއީ ތަހުގީގު ވެސް ވަކި މައްސަލައެއްގެ ގޮތުގައި ކުރިއަށްދާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލޭ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިހުރި 30،000 ޑޮލަރު ގެއްލުނު މައްސަލައެއް އޮގަސްޓް މަހު ފެންމަތިވި އެވެ. އެ މައްސަލާގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާއިރު، އެ ފައިސާ ފެނިފައެއްވެސް ނުވެއެވެ. ފުލުހުން ބުނެފައިވަނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު