ރައީސް މުޙައްމަދު ނަޝީދު
ރައީސް މުޙައްމަދު ނަޝީދު
މަސްވެރިންނަށް ހަމައަގު ލިބޭނީ ބޭރުފަރާތްތަކަށް މަސްގަތުމުގެ ލައިސަންސް ދީގެންކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ސޯޝަލް މީޑިއާގައި މިއަދު ހިއްސާ ކުރެއްވި މެސެޖެއްގައެވެ.

މަސްވެރިންނަށް އެބައިމީހުން ބާނާ މަހަށް ހަމަ އަގު ލިބި، ދިވެހި މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބޭނެ ގޮތްތަކެއް ހުށަހަޅުއްވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެފައިވަނީ، މަސްގަތުމުގެ ލައިސަންސް ބޭރުގެ ފަރާތްތަކަށް ހުޅުވާލައި، މި ވިޔަފާރީގައި ސަރުކާރު އެއްފަރާތަކަށް ވުމަކީ މުހިންމު ކަމެއް ކަމަށެވެ.

މަސްވެރިންނަށް ދިމާވެފައިވާ އަގުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އެމަނިކުފާނު ވަނީ އިތުރު ހިޔާލުތަކެއް ހުށަހަޅުއްވާފައެވެ.

އެގޮތުން، ރޮލާ މަސް އެކްސްޕޯޓު ކުރުން މަދުކޮށް، ގޭދޮށު މަސް ޕްލާންޓުތަކާއި ކަންނެލި ޖަގަހަތައް ތަރައްޤީކޮށް ތަޢާރަފު ކުރުމުގެ މުހިންމުކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

އަދި މަސްވެރިކަމުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި، އޮޑިފަހަރުގައި ހުންނަ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ ރަނގަޅުކޮށް، މަސް ބަހައްޓާނެ ތަންތަން ފުޅާކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މިކަންކަމުގެ ސަބަބުން މަސްވެރިންނަށް އެބައިމީހުންގެ މަހަށް ހަމައަގު ލިބި، މަސްވެރިކަން އިތުރަށް ކުރިއެރުވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މެސެޖުގައި މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ މަސްވެރިންނަށް ތަހުނިޔާ ވިދާޅުވެފައިވާއިރު، މަސްވެރިންގެ އިޙުތިޖާޖުތަކަށް މަރުޙަބާ ވިދާޅުވެފައިވެއެވެ. އަދި މަސްވެރިންގެ އިހްތިޖާޖުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު