ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލައި އޭގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވެ 9 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޝަރީޢަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ، އެފްއޭއެމްގެ ފައިސާ ލޯންޑާކޮށްގެން، އަމިއްލަ ބޭނުމަށް ޕެންޓްހައުސްއެއް ގަތް ކަމަށް ބުނެ ބައްސާމްގެ މައްޗަށް އުފުލާފައިވާ ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާގެ ހެކިބަސް ނެގުމުގެ އަޑުއެހުމެވެ.

މިއަދުގެ އަޑުއެހުމުގައި ހެކިބަސްދެމުން އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ޖަވާޒު ވިދާޅުވީ, އެފްއޭއެމުން އަމިން ކޮންސްޓްރަކްޝަނަށް ޑޮލަރު މާރުކުރަން 1 މިލިއަން ޑޮލަރުގެ ޗެކެއް އޭނާ ސޮއިކޮށް ދޫކުރުމަށް ފަހު، ޑޮލަރު މާރުކޮށް ލިބުނު ދިވެހި ރުފިޔާ، އެސޯސިއޭޝަންގެ އެކައުންޓަށް ޖަމާނުވާކަން ބައްސާމާއި އަގީލްވެސް ކަށަވަރުކޮށްދެއްވި ކަމަށެވެ.

ހަމައެއާއެކު ޖަވާޒު ވިދާޅުވީ، އެއް މިލިއަން ޑޮލަރު އެފްއޭއެމަށް ލިބިފައި ވަނީ ފީފާއިން 'ކޮވިޑް ރިލީފް ލޯނެއް' ގޮތުގައި ކްލަބްތަކަށް މާލީ އެހީ ދިނުމަށް ދޫކުރި ފައިސާގެ ގޮތުގައެވެ. އަދި މި ފައިސާ ކްލަބްތަކަށް ދޫކޮށްފައިވާ ކަމަށް ބައްސާމް ވިދާޅުވިކަން ޖަވާޒު ފާހަގަކުރެއްވިއެވެ.

"ބައްސާމް ވެސް އަގީލް ވެސް ވިދާޅުވި ކޭޝްކޮށް ލިބުނު ކަމަށް. އެ ފައިސާ ދިވެހި ރުފިޔާ، އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރިންތޯ އެހުމުން ދެ ބޭފުޅުން ވެސް ވިދާޅުވީ އެކައުންޓަށް ނުވަންނަ ކަމަށް،" ޖަވާޒު ވިދާޅުވިއެވެ.

ޑޮލަރު މާރުކޮށްގެން ކޭޝްކޮށް ފައިސާ ލިބޭނަމަ އާންމުކޮށް ފައިސާ ލިބޭ ދުވަހު ވަގުތުން ވަގުތަށް އެފްއޭއެމްގެ އެކައުންޓަށް އެ ފައިސާ ޖަމާކުރި ނަމަވެސް އެކަން ލާޒިމުވާ ޓައިމްލައިނެއް އުސޫލެއްގައި ބަޔާންކޮށްފައި ނެތް ކަމަށް ޖަވާޒް ވިދާޅުވިއެވެ.

އޭގެއިތުރުން ޖަވާޒް މިއަދު ވަނީ މި ޙާދިސާގެ ދުވަސްކޮޅެއްފަހުން އޭނާ އެފްއޭއެމްއިން ވަކިވެފައިވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ޖަވާޒް މިހެން ވިދާޅުވެފައިވާއިރު، ބައްސާމްގެ މައްޗަށް ދައުލަތުން މިހާރު ކުރިއަށް ގެންދާ ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާތަކަކީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ބައްސާމް ހިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ބުނެ ކުރާ ދައުވާތަކެކެވެ. އެފްއޭއެމްގެ ފައިސާ ލޯންޑާކޮށްގެން އޭނާ ހުޅުމާލޭގެ އަމިން އެވެނިއުއިން ގަނެފައިވާ ޕެންޓްހައުސްއެއް ވަނީ މިދިޔަ އަހަރުން ފެށިގެން ފުލުހުން ހިފަހައްޓާފައެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބައްސާމްގެ ވަކީލުން ވަނީ، ފީފާގެ ފައިސާ ހިޔާނާތުގެ މައްސަލަތައް ބެލުމުގައި ފީފާގެ ހުއްދަ ހޯދަންޖެހޭނެ ކަމަށާއި ފީފާގެ އުސޫލުތައް އޮންނަ ގޮތުން އެފަދަ މައްސަލަތަކަށް ގައުމުތަކުގެ އިދާރާތަކަށް ނުވަދެވޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ގާޟީ ވަނީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު