ކުއްޖަކު ކިޔަވަނީ-
ކުއްޖަކު ކިޔަވަނީ-
ކޮންމެ މަޔަކާއި ބަފައެއްގެ ހިތުގައިވެސް އެންމެ ބޮޑަށް އޮންނަ އެއް އުންމީދަކީ، އެބައިމީހުންގެ ދަރިންނަކީ ތަޢުލީމީ ގޮތުން ކުރިއަރައި، މުޖުތަމައަށް ފައިދާހުރި ބަޔަކަށް ވުމެވެ. ދަރިފުޅު ތައުލީމީ ގޮތުން ކުރިއަރައި ދިއުމުގެ ފަހަތުގައި އެތައް ކަމެއް ވެއެވެ. މިކަންކަމުގެ ތެރެއިން، ދިރިއުޅޭ މާހައުލަކީ ދަރިފުޅުގެ ކިޔެވުމަށް ސީދާ އަދި ނުސީދާގޮތުން ވަރަށް ބޮޑަށް އަސަރުކުރާ ކަމެކެވެ. ތިރީގައި މި ހިމަނާލަނީ ދިރިއުޅޭ މާހައުލުގެ ސަބަބުން ދަރިފުޅުގެ ކިޔެވުމަށް ކުރާ ބައެއް އަސަރުތަކެވެ.

ފުރަތަމަ ކަމަކަށް، ދަރިފުޅު ދިރިއުޅޭ ގޭގެ ނުވަތަ އެޕާޓްމަންޓުގެ "ފިޒިކަލް" މާހައުލުގެ ސަބަބުން އެކުއްޖެއްގެ ކިޔެވުމަށް އެކިކަހަލަ އަސަރު ކޮށްފާނެއެވެ. ދަރިވަރަށް ކިޔަވަން ވަކި ހިމޭން ތަނެއް ކަނޑައަޅައި، އެތަން ސާފުތާހިރުކޮށް ބެހެއްޓިފައިވޭތޯ ކޮންމެ ބެލެނިވެރިއަކުވެސް ބަލަން ޖެހެއެވެ. ގޭތެރޭގައި ހިމޭން މާހައުލެއް ނެތުމާއި، އަޑުގަދަކޮށް ޓީވީ ބެލުމާއި، ގިނަބަޔަކު އެއްތަނެއްގައި އެއްފަހަރާ ތިބެ އަޑުގަދަކޮށް ވާހަކަ ދައްކާނަމަ، ދަރިފުޅަށް ކިޔެވުމަށް ސަމާލުކަން ދިނުމަށް އުނދަގޫވާނެއެވެ.

ގޭތެރޭގެ އިޖްތިމާޢީ އަދި ޖަޒުބާތީ މާހައުލުގެ ސަބަބުންވެސް ދަރިންގެ ކިޔެވުމަށް އަސަރު ކުރެއެވެ. މައިންބަފައިންނާއި ބެލެނިވެރިންގެ ފަރާތުން ކިޔެވުމަށް ލިބޭ އެހީތެރިކަމާއި ހިތްވަރު ދިނުމަކީ ދަރިވަރުގެ ހިތުގައި ކިޔެވުމަށް ޝައުޤުވެރިކަން އުފައްދާނެ ކަމެކެވެ. ގޭތެރޭގައި އޮންނަ ގުޅުންތަކާއި، އާއިލީ މައްސަލަތަކާއި، ޒުވާބުތަކުގެ ސަބަބުން ދަރިފުޅުގެ ސިކުނޑިއަށް ނަފްސާނީ ގޮތުން ބުރަވުމަކީ ކިޔެވުމަށް ސަމާލުކަން ދިނުމަށް ހުރަސްއަޅާނެ ކަމެކެވެ. އާއިލާއިން ލޯތްބާއި، ހިތްވަރާއި، އެއްބާރުލުން ދޭނަމަ، ދަރިފުޅު އުފަލުގައި ކިޔެވުމަށް ޝައުޤުވެރިވެ، ބުރަ މަސައްކަތް ކުރުމަށް ތައްޔާރުވާނެއެވެ. އަދި މައިންބަފައިންގެ ތަޢުލީމީ ފެންވަރު ދަށްވިޔަސް، ދަރިފުޅުގެ ކިޔެވުމަށް މުހިންމުކަން ދީ އެހީތެރިވެދޭނަމަ، އެކަމުގެ ހެޔޮ އަސަރު ދަރިފުޅުގެ ނަތީޖާއިން ފެންނާނެއެވެ.

އާއިލާގެ މާލީ ހާލަތުގެ ސަބަބުންވެސް ބައެއް ފަހަރު ދަރިފުޅުގެ ކިޔެވުމަށް އަސަރު ކޮށްފާނެއެވެ. އާއިލާގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން، ދަރިފުޅަށް ބޭނުންވާ ފޮތް، ގަލަން، ނޯޓްބުކް ފަދަ ތަކެތި ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އަދި ޓިއުޝަން ނުވަތަ އިތުރު ކްލާސްތަކަށް ދިއުމަށްވެސް މިކަންކަމުގެ ސަބަބުން ހުރަސް އެޅޭނެއެވެ. ހަމައެހެންމެ، ހެޔޮ ކާނާ ނުލިބުމުގެ ސަބަބުން ދަރިފުޅުގެ ސިއްހަތަށް އަސަރުކޮށް، ކިޔެވުމަށް ހުރަސް އެޅިދާނެއެވެ. މާލީ ދަތިކަން ހުންނަ ގޭގޭގައި މައިންބަފައިން ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރާތީ، ދަރިފުޅަށް ގޭގައި ލިބެންޖެހޭ އަޅާލުން ކުޑަވެއެވެ. އެހެެންކަމުން މިކަމުގެ ސަބަބުންވެސް އެފަދަ ގޭގޭގައި ބޮޑުވާ ކުދިންގެ ކިޔެވުމަށް އަސަރުތަކެއް ކުރެއެވެ.

ދަރިފުޅު ދިރިއުޅޭ މާހައުލުގެ ސަބަބުން ދަރިފުޅުގެ ކިޔެވުމަށް ބޮޑެތި އަސަރުތައް ކުރެއެވެ. އެހެންކަމުން، ދަރިފުޅަށް ރަނގަޅު ތަޢުލީމެއް ދިނުމަށްޓަކައި، ގޭތެރޭގެ މާހައުލާއި، އާއިލީ ގުޅުންތަކާއި، މާލީ ހާލަތުގެ އިތުރުން މުޖުތަމަޢުގެ މާހައުލު ވެސް ހެޔޮގޮތުގައި ބަހައްޓަން އެންމެންވެސް މަސައްކަތް ކުރަން ޖެހެއެވެ. ދަރިފުޅުގެ އުޖާލާ މުސްތަޤްބަލަކަށްޓަކައި މިކަންކަމަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު