ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު
އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ބާތިލްކޮށް، ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން، ހައިކޯޓުގެ ހުކުމާ އެއްގޮތަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އަލުން ކްރިމިނަލް ކޯޓަށް އެމައްސަލަތައް ފޮނުވުމާއި ގުޅިގެން މާދަމާއަށް ދައުވާގެ އަޑުއެހުމެއް ތާވަލުކޮށްފިއެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ 7 ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ މާދަމާ 15:00 ގައި ފަށާ ގޮތަށެވެ. މާދަމާގެ ޝަރީއަތުގައި އަދީބުގެ ބަންދާ މެދު ގޮތެއް ނިއްމާނެ ކަމަށް ބެލެވެއެވެ.

އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބޭރުކޮށްލުމަށް ކްރިމިނަލް ކޯޓުން ނިއްމީ ގާނޫނާއި ޚިލާފަށް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ. ހައިކޯޓުން ވަނީ އަދީބުގެ ހަތް ދައުވާގެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަންގާފައެވެ. އަދީބުގެ ބަންދާމެދު ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އެ މައްސަލަ ހައިކޯޓުން ނިމުމާއެކު ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި އަދީބުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ޕީޖީގެ އޮފީހުން ހުށަހެޅުމަށާއި، އަދި ކްރިމިނަލް ކޯޓަށް މި މަސައްލަ ހުށަހެޅުމާއެކު ލަސްވެގެން 10 ދުވަހުގެ ތެރޭގައި، މި މައްސަލަ ނިމޭ ތާރީހުން ފެށިގެން އެކުޖުމްލަ 15 ދުވަހުގެ ތެރޭގައި އަދީބުގެ ބަންދާމެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމަންޖެހޭ ކަމަށެެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ބާތިލްކޮށް، ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލްކޮށް، ކްރިމިނަލް ކޯޓުން އަލުން އެމައްސަލަތައް ބެލުމަށް ހައިކޯޓުން އަންގައިފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ، އަދީބުގެ 7 ދައުވާ ބާތިލްކޮށް، ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން، އެމައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު، 60 ދުވަހަށް ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް އެ މުއްދަތު ހަމަވުމާއެކު ގާޒީ އިސްމާއީލް ރަޝީދު ވަނީ އަލުން ކްރިމިނަލް ކޯޓަށް ނުކުމެވަޑައިގެންފައެވެ.

ހައިކޯޓުގައި ބޭއްވި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ތަކުން އެންމެ ބޮޑަށް ފާހަގަ ކުރެވިގެން ދިޔައީ ކިޔަމަންތެރި ކަމާއެކު ކުރީގެ ނައިބް ރައީސް އަދީބު، ޕީޖީ އިން އަންގާފައިވާ ގޮތަށް ނޫނީ ދެފަރާތުން ހަދާފައިވާ އެއްބަސްވުމާއި އެއްގޮތަށް ވަރަށް ކިޔަމަންތެރިކަމާއެކު މައްސަލައިގައި އިޢުތިރާފު ވަމުން ދިޔަ މަންޒަރެވެ. ޓަގު ބޯޓެއްގައި ފިއްލަވަން އުޅުއްވަނިކޮށް އަތުލައި ގަނެގެން ގެނައިފަހުން ބޭއްވި އިސްތިޢުނާފީ އަޑުއެހުން ތަކުގައި ކުރީގެ ނާއިބްރައީސް އަދީބު، ދައްކަވާފައިވަނީ ކިޔަމަންތެރި ކަމުގެ ނަމޫނާއެއް ކަމުގައި ގިނަ ބަޔަކު ފާހަގަކޮށްފައި ވެއެވެ.

މިހާރު އަދީބާއި ދެކޮޅަށް ދައުލަތުގެ ފަރާތުން ދަޢުވާ ކުރެއްވުމުގެ ޒިންމާއާއި ހަވާލުވެ ވަޑައިގެން ހުންނެވި ޕީޖީ ޝަމީމަކީ އަދީބުގެ ދިފާއީ ވަކީލެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރެއްވި އަދީބުގެ ދިފާޢީ ވަކީލެވެ. އަދީބުގެ އިތުރުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ އިތުރު އެހެން މީހުންގެ ވަކީލެއްގެ ގޮތުގައި ވެސް ޝަމީމު މީގެ ކުރިން މަސައްކަތް ކުރަށްވާފައިވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުލަތުގެ ފަރާތުން އަދީބުގެ މައްޗަށް އުފުލާފައިވަނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށް ބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެއްވެސް އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

އަދީބުވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމުގައި އެއްބާރުލެއްވުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން