ކުޑަކުޑަ މަތިންދާ ބޯޓެއް އަމިއްލަ ޚަރަދުގައި ގަތުމުގެ ގާބިލުކަން ނެތުމަކީ ދިވެހި ސިފައިންނަށްވެސް ކުރި ފުރައްސާރައެއް ކަމުގައި އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޑރ.މައުރޫފް ހުސެއިން ވިދާޅުވެއްޖެ އެވެ.

2016 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ދިވެހިރާއްޖެއަށް ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ޑޯނިއާ މަތިންދާބޯޓް ރާއްޖެއަށް އިއްޔެ ވަނީ ގެނައްސައެވެ. އެކަމާ ގުޅިގެން ޑރ.މައުރޫފް ވިދާޅުވީ މިހާ ކުޑަ ކުޑަ މަތިންދާ ޕޯޓެއް ދިވެހި އަސްކަރިއްޔާއަށް ހޯދުމުގެ ޤާބިލްކަން ރާއްޖޭގައި ހުންނާނެކަމަށެވެ. މިވަރުގެ ކުޑަ ކުޑަ މަތިންދާ ބޯޓެއް ރާއްޖޭގެ އަސްކަރިއްޔާއަށް ހޯދައި ނުދެވުމަކީ ދެރަކަމެއްކަމަށް ޑރ.މައުރޫފް ވިދާޅުވިއެވެ.

ރާއްޖޭގެ އަސްކަރިއްޔާއަކަކީވެސް ޤާބިލް ހުނަރުވެރި ފަންނީ ބޭފުޅުން ތިބި ތަނަކަށްވާއިރު އަމިއްލަ ޚަރަދުގައި އެވަރުގެ ބޯޓެއް ގަނެ އެ އޮޕަރޭޓް ކުރެވޭނެ ޤާބިލްކަން ނެތްކަން ދޭހަވާފަދަ ގޮތަކަށް ކަންކަން ވެގެންދާކަމީ ދިވެހި އަސްކަރިއްޔާއާއިމެދު ކުރެވުނު މަލާމާތެއްގެ ގޮތުގައި މައުރޫފް ވަނީ ސިފަ ކުރައްވާފައެވެ.

"މިވަރުގެ ކުޑަކުޑަ މަތިންދާ ބޯޓެއް އަމިއްލަ ޚަރަދުގައި ހޯދައި އޭތި އޮޕަރޭޓް ކުރެވޭ ފެންވަރު ރާއްޖޭގައި ނެތްކަމަށް ދެއްކުމަކީ ދިވެހި ސިފައިންގެ މުވައްސަސާޔަށްވެސް ކުރެވޭ ފުރައްސާރައެއް ނޫން ބާވައެވެ؟" ޑރ.މައުރޫފް ހުސެއިން ވިދާޅުވި އެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ މި މަތިންދާބޯޓް އޮޕަރޭޓްކުރާނީ ދިވެހި ސިފައިންގެ ކޮމާންޑްގެ ދަށުން ކަމަށާއި އެކަމަކު އެއަށް ހިނގާ ހުރިހާ ޚަރަދެއް ކުރާނީ އިންޑިއާ އިން ކަމަށެވެ. މި ބޯޓަކީ ދެ ގައުމުން ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ގެނައި ބޯޓެއް ކަމަށާއި މީގެ ބޯޓެއް ރާއްޖޭގައި ސްޓޭޝަންކޮށްފައި ބާއްވަން ކުރީގެ ސަރުކާރުތަަކުން ވެސް އެދުނު ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

މިއަދު ރާއްޖެއަށް ގެނައި ޑޯނިއަރ މަތިންދާބޯޓުގެ ސަބަބުން ދިވެހިރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގައާއި، ކަނޑުމަތީގައި ހިންގާ ޤަވާޢިދާޚިލާފު ކަންތައްތައް ހުއްޓުވުމުގައާއި، ކަނޑުމަތީގައި ދިމާވާ ތަފާތު ނުރައްކާތެރި ހާދިޘާތަކުގައި އެހީވުމާއި އަދި ދިވެހިރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި، އެމްއެންޑީއެފްގެ ޤާބިލްކަން މިހާރަށްވުރެ އިތުރުވެގެންދާނެކަމަށް ދިވެހި ޤައުމީ ދިފާޢީ ބާރުން ބުނެފައިވެއެވެ.

އިންޑިއާ އާއި ރާއްޖޭގެ އަސްކަރީ ގުޅުންތަކާ މެދު ސިޔާސީ އިދިކޮޅު ފަރާތްތަކުން ސުވާލު އުފެއްދުން އިތުރުވެފައިވާ ވަގުތެއްގައި ގެނައި މި މަތިންދާ ބޯޓް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުމަށެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމާއި އަދި ކަނޑުމަތީގައި ޙާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް މި ބޯޓު ބޭނުންކުރާނެ ކަމަށް ދެގައުމުނެ ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މައުމޫންގެ ސަރުކާރުން މިފަދަ މަތިންދާ ބޯޓެއް ދޭން އެދުނީ އިންޑިއާއިން ސިފައިންނާއެކު ދިން ދެ ހެލިކޮޕްޓަރާއި އަދި ސިފައިން ވެސް ގެންދާ ގޮތަށް ދެ ހެލިކޮޕްޓަރުގެ ބަދަލެއްގެ ގޮތުގައެވެ. ނަމަވެސް ސަރުކާރުން އެދުނު ގޮތަށް ސިފައިން ވެސް ނުފައިބާ ހެލިކޮޕްޓަރު ވެސް ނުގެންދިއުމުން ދެފަރާތުގެ މެދުގައި ދެބަސްވުންތަކެއް ވެސް ހިނގާފައިވާ ކަމަށް އެނގިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޙަސަން ސޮބްރީ

02-Oct-2020

އެވަރުވެސް ނެތްބަޔަކަށް އެއީ ބޮޑުއެއްޗެއް.



ޓްރެންޑިން