ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު އދ.ގެ 75 ވަނަ ޢާއްމު ބައްދަލުވުމުގައި ތަގުރީރު ކުރައްވަނީ
ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު އދ.ގެ 75 ވަނަ ޢާއްމު ބައްދަލުވުމުގައި ތަގުރީރު ކުރައްވަނީ
ދުނިޔޭގެ ހަމަޖެހުމާއި އިސްލާޙަށް މަސައްކަތްކުރުމަށް ހުރިހާ ފަރާތްތަކުން ވެސް އދގެ އުސޫލުތަކަށް އަލުން ތަބާވެ އެއަށް ޢަމަލުކުރުމަށް ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ރޭ ގޮވާލައްވައިފިއެވެ.

ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު މިކަމަށް ގޮވާލެއްވީ އދގެ 75 ވަނަ ޢާއްމު ބައްދަލުވުމުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ، އދ.އަށް އިސްލާޙީ ބަދަލުތަކެއް ގެންނަންޖެހޭކަމަށް ޤަބޫލުކުރައްވާކަމަށާއި އެހެންނަމަވެސް އދ.ގެ މުހިއްމުކަމާމެދު ބަހުސް ކުރެވޭނެ ޖާގައެއް އޮތްކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ.

އދ އަކީ އަދިވެސް ދުނިޔޭގެ ކުރިއެރުމާއި ތަރައްޤީއާއި ސުލްޙައަށް މަސައްކަތްކުރުމުގައި އޮތް ހަމައެކަނި ޙައްލުކަމަށް މިނިސްޓަރު ޝާހިދުގެ ތަގުރީރުގައި ވަނީ ފާހަގަކުރައްވާފައެވެ. ޖަޒީރާ ޤައުމުތަކަށް ބޮޑެތި ޤައުމުތަކާއި އެއްހަމައެއްގައި ވާހަކަދެއްކުމުގެ ބާރު ލިބިގެންދިޔައީ އދގެ ސަބަބުންކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ދުނިޔޭގެ ހަމަޖެހުމާއި އިސްލާޙަށް މަސައްކަތްކުރުމަށް ހުރިހާ ފަރާތުންވެސް އދގެ އުސޫލުތަކަށް އަލުން ތަބާވެ އެއަށް ޢަމަލުކުރުމަށް ގޮވާލައްވައި ޝާހިދު ވިދާޅުވީ، އެންމެ އަސާސީ އިންސާނީ ޙައްގުތަކާއި އިންސާނީ ކަރާމާތާއި ޙައްގުތަށް ބޮޑެތި އަދި ކުދި ޤައުމުތަކުގައިވެސް ކަށަވަރުވާންޖެހޭކަމަށެވެ. ފޮރިންގ މިނިސްޓަރ ވަނީ އަލުން އެކަތިގަނޑަކަށްވެ އެއްއަމާޒެއްގައި ހުރިހާ ޤައުމެއް ގުޅިގެން ތަރައްޤީއަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

މިނިސްޓަރގެ ތަގުރީރުގައި ރޮހިންގޔާއާއި ފަލަސްތީނުގައި އަނިޔާ ލިބެމުންދާ މުސްލިމުންގެ ދިފާޢުގައި މަސައްކަތް ކުރުމުގައި ރާއްޖެއިން ސާބިތުކަމާއެކު ދެމިއޮތްކަން ތަކުރާރު ކުރައްވާފައެވެ. އަދި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށްވެސް މިނިސްޓަރ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މީގެ 55 އަހަރުކުރިން ރާއްޖެއިން އދގެ ޢާއްމު ބައްދަލުވުމުގައި ހާމަކުރި ވާހަކަތައް ތަކުރާރުކުރައްވަމުން މިނިސްޓަރ ވަނީ ރާއްޖެއަކީ ކުޑަ އަދި އާބާދީ މަދު ޤައުމެއް ނަމަވެސް ރާއްޖެއިން އަދާކުރަންޖެހޭ ކަންކަން ދުނިޔޭގެ ފެންވަރުގައި އަބަދުވެސް ކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ސުލްޙަ އާއި އަމާންކަން ކަށަވަރުކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް އދގެ އާއްމު މަޖިލީހުގައި މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިތަޤުރީރުގައި ރާއްޖެއާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުން އަންނަ ބޮޑެތި ދަތިތަކަށް މިނިސްޓަރ ޝާހިދު ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މޫސުމީ ބަދަލުތަކާއި ޕްލާސްޓިކްގެ  ނުރައްކަލާއި ގުޅޭގޮތުން މިނިސްޓަރ ތަގުރީރުގައި ވާހަކަ ދެއްކެވިއެވެ. މިއަހަރު އދ އަށް 75 އަހަރު ފުރޭއިރު ރާއްޖެ އދގެ މެމްބަރު ޤައުމަކަށް ވިތާ މިއަހަރު ވަނީ 55 އަހަރު ފުރިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން