ކޯވިޑް-19 ގެ ޙާލަތުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް އެހީވުމަށް ޖަޕާނުން ރާއްޖެއަށް ދޭ 47.5 މިލިއަން ޑޮލަރުގެ ލޯނު އެހީގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓަރ ސޮއިކުރަށްވައިފިއެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި "ކޯވިޑް-19 ކްރައިސިސް ރެސްޕޮންސް އެމެޖެންސީ ސަޕޯޓް ލޯން"ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ޖަޕާން ސަރުކާރުން 5 ބިލިއަން ޖަޕަނީސް ޔެން ނުވަތަ 47.5 މިލިއަން ޑޮލަރުގެ ލޯން އެހީއެއްދީފައި ވަނީ 0.01 އިންސައްތަ އިންޓަރެސްޓް ރޭޓުގައިކަމަށެވެ. އަދި މި ލޯނު އަނބުރައި ދެއްކުމަށް 15 އަހަރު ދުވަހުގެ މުއްދަތެއްދީފައި ވާކަމަށާއި، ފުރަތަމަ 4 އަހަރަކީ ގްރޭސް ޕީރިއަޑެއްގެގޮތުގައި ހަމަޖައްސާފައި ވާކަމަށެވެ. އަދި މިއީ މިހާތަނަށް ޖަޕާނުން ފޯރުކޮށްދިން އެންމެބޮޑު އެހީކަމުގައި މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މިހާލަތުގައި ޖަޕާނުން ރާޢްޖެއަށް ދެއްވަމުންދާ އެހީތެރިކަން ފާހަގަކޮށް ޖަޕާން ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވީ، ފާއިތުވި 6 މަސްދުވަހު ކޯވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކޮށްފައި ވަނީ ތަޢުރީފު ހައްޤު މަސައްކަތްތަކެއްކަމަށެވެ.

އެގޮތުން ޞިއްޙީ ޚިދުމަތްތެރިންނާއި، ކަމާބެހޭ ވުޒާރާތަކާއި، ރައްޔިތުން ދައްކަމުންދާ ނަމޫނާއާއި، އައު އާއްމު ޙާލަތަށް ތައްޔާރުވުމަށް ކުރާ މަސައްކަތް ޖަޕާން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ. މި ބަލިމަޑުކަން ދިގުލައިގެން ދިއުމާއެކު ރާއްޖޭގެ އިޤްތިޞާދަށް ހީނަރުކަން އައިސް، ތަރައްޤީ އާއި އިޖްތިމާއީ ކަންކަމަށް ހުރަސް އެޅިފައިވާކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކަންކަމުގައި ޖަޕާނުން އަބަދުވެސް އެހީވާން ތައްޔާރަށް އޮތްކަމަށެވެ.

ޖަޕާނުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށްވެސް ދާދި ފަހުން 5.6 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ޔޫއެންޑީޕީ މޯލްޑިވްސްއަށް 1.4 މިލިއަން ޑޮލަރު، ޔުނިސެފް މޯލްޑިވްސްއަށް 356،400 ޑޮލަރު އަދި މޯލްޑިވްސް ރެޑް ކްރެސެންޓްއަށް 185،000 ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން