ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވާގޮތުން ކޯވިޑާއިއެކީ ލިބުނު ގެއްލުން ގުނާ އަދަދު ކުރަންވެސް ދަތި ކަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އ.ދ. ގެ އާއްމު މަޖިލީހުގެ 75 ވަނަ ބައްދަލުވުމުގެ އާއްމު ބަހުސްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ މައިލޭނާރަކީ ފަތުރުވެރިކަން ކަމަށްވާއިރު، ކޯވިޑް19 އާއިއެކީ މުޅި ދުނިޔެ ބަންދުވެ ދަތުރުފަތުރުކުރުން ހުއްޓުމަކަށް އައިކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ހުއްޓުމަކަށް އައިސް ލިބުނު ގެއްލުން އަންދާޒާކުރަންވެސް ދަތިކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.

ދުނިޔޭގެ ބޮޑެތި އަދި ފުދުންތެރި ޤައުމުތަކުގައި މާލީ ގޮތުންނާއި، ވަސީލަތުގެ ގޮތުން މިކަމުގައި ލިބުނު ގެއްލުންތަކަށްވުރެ ރާއްޖެއަށް ލިބުނު ގެއްލުން މާބޮޑަށްވެސް ބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމުން އަރައިގަނެވޭނީ ދުނިޔޭގެ ޤައުމުތަކުން ގުޅިގެން އެންމެން އެކީގައި ކުރެވޭ މަސައްކަތަކުންކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެއިން ތަހައްމަލުކުރަމުގެންދާ މިދަނޑިވަޅުގައި، މަލްޓިލެޓްރަލިޒްމްގެ ރޫޙު އާލާކޮށް ދިރުވުމަށްޓަކައި ބައިނަލްއަޤްވާމީ ފަރާތްތަކުން އެއްބައިވަންތަކަން އިސްކުރުމަށްވެސް ފޮރިން މިނިސްޓަރ ޝާހިދު ވަނީ ގޮވާލައްވާފައެވެ. ޝާހިދު ވިދާޅުވި ގޮތުގައި ބައިނަލްއަގްވާމީ ނިޒާމުގެ ތެރޭގައި ހިމެނޭ ފަރަގުތައް ބޮޑަސް އެންމެން ގުޅިގެން މަސައްކަތްކުރުން ވަރަށް މުހިއްމެވެ.

ކޯވިޑް-19ގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ސިޔާސަތުތަކާ ބެހޭ ގޮތުން ވެސް ފޮރިން މިނިސްޓަރު ވާހަކަދެއްކެވި އެވެ. އެގޮތުން އިންސާނީ ހައްގުތަށް ކަށަވަރުކުރަން މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރެއްވި އެވެ. އަދި ފަލަސްތީނާއި ރޮހިންޖާ މުސްލިމުންގެ ހައްގުގައިވެސް ވާހަކަ ދެއްކެވި އެވެ.

މިބަހުޘްގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ޕްލާސްޓިކުގެ މާއްދާތައް ހިމެނޭ ބާވަތްތަކުގެ ކުނިން ކަނޑުތައް ތަޣައްޔަރުވުމުގެ މައްސަލައަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި ނުރައްކާތެރި މައްސަލަތަކަށް ޙައްލު ހޯދަމަށް ޕެރިސް މުޢާޙަދާ ތަންފީޒުކުރުމަށާއި 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ މުހިއްމުކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ. އަދި ކޯވިޑް-19 ގެ ބަލިމަޑުކަމުން ލިބެމުންދާ ޢިބްރަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވަނީ ބައިނަލްއަޤްވާމީ ނިޒާމުގެ ތެރޭގައިވާ ފަރަޤުތަކާމެދު ކަންބޮޑުވުންފާޅުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން